ވޮޝިންޓަން (ނޮވެމްބަރު 10) - ވައިޓް ހައުސްގައި ގަތަރުގެ ބޮޑުވަޒީރާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު، އީރާނާ އެކު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަސައްކަތުގައި ހެޔޮ ބަދަލުތަކެއް ފެންނަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އާލް ތާނީއާ އެކު ވަރަށް ފުރިހަމަ މަޝްވަރާއެއް ކުރެވުނު ކަމަށާއި އީރާނާ ގުޅޭ ގިނަ ކަންތައްތަކަކާ މެދު ވާހަކަ ދެކެވުނު ކަމަށެވެ.

އީރާން ހަނގުރާމައިގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުގެ ބޮޑުވަޒީރާ އެކު ޓްރަމްޕް ބޭއްވެވި މި ބައްދަލުކުރެއްވުމަކީ، އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު ބޭރު ގައުމެއްގެ ލީޑަރަކާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުކުރެއްވުމެވެ.

ވޯޓުގެ ކުރިން ބެލެވިފައި އޮތީ އިންތިހާބަށް ފަހު އެމެރިކާ އިން އީރާނަށް އަލުން ހަމަލާދޭން ފަށާނެ ކަމަށެވެ. އެކަމަކު އިތުރު ހަމަލާތައް ދިނުމުގެ ފުރުސަތު ބަންދުނުކޮށް ބާއްވަމުން، ޓްރަމްޕް ގެންދަވަނީ ހަނގުރާމަ އަލުން ފެށުމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި ނަމަވެސް ގަލްފުގައި ތިބި އެމެރިކާގެ މުހިންމު ބައިވެރިން މިހާރު އޮތް ހާލަތު ދެމެހެއްޓުމަށް އިސްކަންދޭތީ އިތުރު ހަމަލާތަކެއް ދިނުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މި ހަމަނުޖެހުން ނިމުމަކަށް ގެނައުމާ ދިމާލަށް ހެޔޮ ބަދަލުތަކެއް އަންނަތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. އަދި ހުރިހާ ވަގުތެއްގައި ވެސް އެމެރިކާގެ މަސްލަހަތު ހިމާޔަތްކުރެވޭނެކަން ކަށަވަރުކުރާނަން،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް މިހެން ވިދާޅުވިއިރު، ހަފުތާ ބަންދުގައި ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ވެސް އޭނާ ވަނީ ހަނގުރާމަ އަލުން ފެށުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ވިދާޅުވެފަ އެވެ.

'ހިޔާލީ މަޝްވަރާތައް'

އެމެރިކާ އިން ކުރިމަތިކުރާ ފިއްތުންތަކަށް އީރާންގެ އޮފިޝަލުން ގެންދަވަނީ ވަރުގަދައަށް ރައްދު ދެއްވަމުންނެވެ.

އީރާންގެ އެންމެ އިސް ސެކިއުރިޓީ ޗީފް މުހްސިން ރިޒާއީ އެކްސްގައި ވިދާޅުވީ އެމެރިކާ އުޅެނީ އުންމީދު ގެއްލިފައިވާ ޖުވާކުޅޭ މީހެއް ފަދައިން ކަމަށާއި ބަލި ގަބޫލުކޮށް "ހިޔާލީ މަޝްވަރާތަކާ" ބެހޭ ގޮތުން ދޮގު ހަބަރު ފެތުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.

މަޝްވަރާތަކުގައި އީރާންގެ އެންމެ އިސް އޮފިޝަލް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ އިޒްރޭލުން އެމެރިކާ އިތުރަށް ހަނގުރާމައިގެ ތެރެއަށް ވައްދަމުންދާ ކަމަށެވެ. އަދި އެމެރިކާއިން "އިޒްރޭލް ފަސްޓް" ވިސްނުން ދޫކޮށްނުލާހާ ހިނދަކު، އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން މިސްރާބު ހުންނާނީ އަނދިރިކަމާ ދިމާލަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާންގެ އޮފިޝަލުން ބުނާ ގޮތުގައި އެމެރިކާގެ އަސްކަރިއްޔާ އިން ރަސްމީކޮށް އެއްބަސްނުވި ނަމަވެސް އީރާންގެ އެކި ސަރަހައްދުތަކަށް އަދިވެސް ދަނީ ހަމަލާތައް އަމާޒުވަމުންނެވެ. އެ ގޮތުން ހޮރުމޫޒް ކަނޑުއޮޅީގައި އޮންނަ ގޭޝްމް ޖަޒީރާއަށް އާދީއްތަ ދުވަހުގެ ރެއިން ފެށިގެން ހޯމަ ދުވަހާ ހަމައަށް ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް އެ ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރު ދައުލަތުގެ ޓީވީގައި ވިދާޅުވި އެވެ.

އާންމުންގެ ނުރުހުން ބޮޑުވެފައިވާ އީރާން ހަނގުރާމައަކީ މިޑްޓާމް އިންތިހާބުގައި ރިޕަބްލިކަނުންނަށް ލިބުނު ނާކާމިޔާބީގެ އެއް ސަބަބު ކަމަށް ޓްރަމްޕް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. އެއީ މި ހަނގުރާމައިގެ ސަބަބުން އެމެރިކާގައި ތަކެތީގެ އަގުތައް އުފުލިފައިވާތީ އެވެ. -- އޭއެފްޕީ