އީރާނާ ދެކޮޅަށް އަލުން ހަމަލާތައް ދީ ހަނގުރާމަ ފެށުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ސީއެންއެންއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް މިހެން ވިދާޅުވީ، މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުގެ ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން އަބްދުއްރަހްމާން އާލް ތާނީއާ މިއަދު ވައިޓް ހައުސްގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.

މިދިޔަ އަންގާރަ ދުވަހު އެމެރިކާގައި ބޭއްވި މިޑްޓާމް އިންތިހާބަށް ފަހު އީރާނަށް އަލުން ހަމަލާދޭން ފަށާނެ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް، ޓްރަމްޕް ވިދާޅުވީ ހަނގުރާމަ އަލުން ފެށުން އޮތީ "ވަރަށް ވަރުގަދަ އެއްބަސްވުމެއްގައި އީރާނުން ސޮއިކުރުމާއި ނުކުރުމުގެ މައްޗަށް" ކަމަށެވެ.

"ކޮންމެހެން ކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނަން. އެކަމަކު އަހަރެމެން އެ މީހުންނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފިން. އެއީ ކިހާ ވަރުގަދަ ހަމަލާތަކެއްކަން ތިޔަ ބޭފުޅުންނަކަށް ނޭނގޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ އެކު ފެށުނު މި ހަނގުރާމައަށް އެމެރިކާގެ އާންމުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. މިޑްޓާމް އިންތިހާބުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ކޮންގްރެސްގެ ކޮންޓްރޯލް ގެއްލުނު އެއް ސަބަބަކީ މި ހަނގުރާމަ ކަމަށް ޓްރަމްޕް ވެސް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އިއްޔެ ވިދާޅުވީ، އެމެރިކާގެ އިންތިހާބުގެ ނަތީޖާއާ ގުޅިގެން އުފެދުނު ސިޔާސީ ލޮޅުންތައް ދިރާސާކުރުމަށް ސުލްހައިގެ މަޝްވަރާތައް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ.

"ފާއިތުވި ދުވަސްތަކުގައި މެދުވެރިންގެ ދަތުރުތައް ވަނީ ހުއްޓިފައި. އޭގެ ސަބަބަކީ އެމެރިކާގެ އިންތިހާބުގެ ނަތީޖާއިން އެންމެންނަށް ލިބުނު ޝޮކް،" އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަރަގްޗީ ވިދާޅުވި އެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އަރަގްޗީ ވިދާޅުވީ، އެމެރިކާގެ ގިނަ ރައްޔިތުން އިޒްރޭލު ދެކެ ފޫހިވެފައިވާކަން ޓްރަމްޕަށް މިހާރު ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ނިމުމެއް ނެތް ހަނގުރާމަތަކުގެ ތެރެއަށް އިޒްރޭލުން އެމެރިކާ ވައްދަމުންދާތީ އެމެރިކާ ރައްޔިތުންނާއި މުޅި ސަރަހައްދު ވެސް ވަނީ ވަރުބަލިވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިގްތިސާދީ ދަތިކަމުގެ ސަބަބުން އެމެރިކާގެ ޝަރުތުތަކަށް އީރާނުން ބޯލަނބަން މަޖުބޫރުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އިރު، އީރާނުގެ އިންފްލޭޝަން 301 ޕަސެންޓަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އީރާނުގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހު އިންފްލޭޝަން ހުރީ ގާތްގަނޑަކަށް 90 ޕަސެންޓުގަ އެވެ.

މި ހަނގުރާމަ ހުއްޓުވުމަށް ގަތަރާއި ޕާކިސްތާން ފަދަ ގައުމުތަކުން މަސައްކަތް ކުރަމުންދާއިރު، ހަމަލާތައް މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. ނަމަވެސް އީރާނުގެ ދައުލަތުގެ ޓީވީން ބުނި ގޮތުގައި ހޮރުމޫޒް ކަނޑުއޮޅީގައި އޮންނަ ގިޝްމް ޖަޒީރާއަށް ރޭ ވަނީ ހަމަލާތަކެއް ދީފަ އެވެ. ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް މުހިންމު ހޮރުމޫޒް ކަނޑުއޮޅި ބަންދުކުރަން އީރާނުން މަސައްކަތް ކުރަމުންދާއިރު، އެމެރިކާގެ ކަނޑުގެ ސިފައިން ދަނީ އީރާނުގެ ބަނދަރުތައް ހިސާރުކޮށްގެން ތިބެމުންނެވެ. -- އޭއެފްޕީ