އީރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުއުފެއްދޭނެ ފަދަ ދާއިމީ އެއްބަސްވުމެއް އެ ގައުމާ އެކު ހަދަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ފޮކްސް ނިއުސްއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެމެރިކާގެ ވެރިކަމާ ހަވާލުވާ އެހެން ރައީސަކަށް ވެސް އީރާނަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ނުދެވޭނެ ފަދަ ހަރުދަނާ އެއްބަސްވުމެއް ހައްދަވާނެ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ، ހަމަލާތައް ހުއްޓާލުމަށް އީރާނުން އެއްބަސްވުމެއް ބޭނުންވާ ކަމަށާއި ނަމަވެސް އެ ގައުމުން ހުށަހަޅާ ޝަރުތުތަކަކީ އޭނާއަށް ގަބޫލުކުރެއްވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން އީރާނާ އެކު ހެދި ނިއުކްލިއާ އެއްބަސްވުމަށް ފާޑުވިދާޅުވަމުން ޓްރަމްޕް ވިދާޅުވީ، އޭނާ ބޭނުންވަނީ އޮޅުވާލުމެއް ނެތް "ހަގީގީ އެއްބަސްވުމެއް" ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ދެން އަޅާނެ މުހިންމު ފިޔަވަޅުތަކާ މެދު ގޮތެއް ނިންމުމަށް އަވަސްވެވަޑައިނުގަންނަވާ ކަމަށާއި، އެކަމާ މެދު ގޮތެއް ނިންމަވާނީ 2027 ވަނަ އަހަރުގެ ކުރީކޮޅު ކަމަށް އެކްސިއޯސް އާއި ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

މި މަހުގެ ކުރީކޮޅު ބޭއްވި އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަށް ފަހު، އީރާނާ އެކު އެއްބަސްވުމެއް ބޭނުން ނުވާ ކަމަށް ވިދާޅުވެ މަޝްވަރާތަކުން ދުރުހެލިވުމަށް ޓްރަމްޕް ވަނީ ނައިބު ރައީސް ޖޭޑީ ވޭންސަށް އަންގަވައިފަ އެވެ.

ނަމަވެސް، ސިއްރު މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ގޮތުން ޓްރަމްޕްގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޯފް އާއި ޖެރެޑް ކުޝްނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޖަރުމަނުގެ ބާލިންގައި ގަތަރުގެ އިސް އޮފިޝަލުންނާ ބައްދަލުކޮށް، އެމެރިކާ އާއި އީރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ. މީގެ އިތުރުން، ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ޗައިނާގައި ބޭއްވި ސަމިޓުގައި ވެސް އީރާނުގެ ނިއުކްލިއާ މައްސަލައާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް އަލިމަގެއް ފެނޭތޯ ބަލަމުންދާއިރު، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުތަކަށް އީރާނުން ދޭ ހަމަލާތައް ވަނީ އިތުރުކޮށްފަ އެވެ. އަދި އީރާނުން ހަތިޔާރު އުފައްދާ މިންވަރު އަވަސްވަމުންދާތީ، އެ ގައުމަށް އިތުރު ހަމަލާތަކެއް ދިނުމާ މެދު އެމެރިކާ އާއި އިޒްރޭލުން އަދިވެސް މަޝްވަރާ ކުރަމުންދާ ކަމަށް ސީބީއެސް ނިއުސްއިން ރިޕޯޓްކޮށްފައިވެ އެވެ.

އަނެއްކޮޅުން، އީރާނުން ކެމިކަލް ނުވަތަ ބައޮލޮޖިކަލް ހަތިޔާރު އުފައްދަން އުޅޭ ކަމަށް ޓްރަމްޕް ކުރައްވާ ތުހުމަތުތައް އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ. އެ މިނިސްޓްރީން ބުނީ އެމެރިކާގެ ތުހުމަތުތައް ދުވަހުން ދުވަހަށް ބަދަލުވަމުންދާ ކަމަށާއި، އެއީ 2003 ވަނަ އަހަރު އިރާގަށް އަރައިގަތުމަށް ދެއްކި ފަދަ ދޮގު ބަހަނާތަކެއް ކަމަށެވެ.