ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސްއިން އާ ހޯމް ފައިނޭންސިން ފެސިލިޓީއެއް ތައާރަފްކޮށްފި އެވެ. 

މިއީ އަަހަރަކު 7.5 ޕަސެންޓުގެ ކުޑަ ފައިނޭންސިން ރޭޓަކާ އެކު ތައާރަފްކުރި ފެސިލިޓީއެކެވެ. މިއީ މިވަގުތު ބޯހިޔާވަހިކަމަށް ރާއްޖޭގައި ބޭންކަކުން ދޫ ކުރާ އެންމެ ކުޑަ ރޭޓުގައި ދޭ ފައިނޭސިން ފެސިލިޓީ އެވެ. 

ބީއެމްއެލްއިން ބުނީ މި ފެސިލިޓީއާ އެކު ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ވެސް އަމިއްލަ ބޯހިޔާވަހިކަން ހޯދުމަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މި ފެސިލިޓީ ފަރުމާކޮށްފައި ވަނީ ރާއްޖޭގެ އިގްތިސާދުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަކަމާ އެކު ފައިނޭންސިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށެވެ. އަދި ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގެ މައިބަދަ ކަމަށްވާއިރު، މިއީ އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެ މީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭކަމެއްގެ ގޮތުގައި ސިފްކުރެއްވި އެވެ. 

މި ފެސިލިޓީއަށް އެދި ހުށަހެޅޭނީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ރިސޯޓް، ގެސްޓްހައުސް، ހޮޓާ އަދި ސަފާރީތަކުގައި މަސައްކަތްކުރާ، ޑޮލަރުން މުސާރަ ލިބޭ ދިވެހީންނަށެވެ. އާމްދަނީ ވަޒަންކުރުމުގައި މުސާރައިގެ އިތުރުން ސާވިސް ޗާޖުގެ ގޮތުގައި ލިބޭ އަދަދަށްވެސް ބަލާނެ އެވެ. އަދި މި އާމްދަނީ ވާންޖެހޭނީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާވާ އާމްދަނީ އަކަށެވެ.

ބީއެމްއެލް އިސްލާމިކް މެދުވެރިކޮށްވެސް  މި ފައިނޭންސިން ފެސިލިޓީ ދޫކުރާނެއެވެ. މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ކަސްޓަމަރުން ހިޔާރު ކުރާ ފައިނޭންސިން އުސޫލުތަކާ އެއްގޮތަށް، ޝަރުތުހަމަވާ ހުރިހާ ކަސްޓަމަރުންނަށް މި ފެސިލިޓީ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށް ބެންކުން ބުންޏެވެ. 

މި ފެސިލިޓީއާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބޭނެ އެވެ.