ކެއާ ސޮސައިޓީގައި ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށް ލޮލުގެ ސްކްރީނިން ޕްރޮގުރާމެއް އައިކެއާ ހޮސްޕިޓަލުން ކުރިއަށް ގެންގޮސްފި އެވެ. 

މި ޕްރޮގުރާމަކީ ފަސޭހައިން ލޮލުގެ ދުޅަހެޔޮކަން ދެނެގަނެވޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށާއި ލޮލުގެ ސިއްހަތަށް ހޭލުންތެރިކުރުމަށް އައިކެއާ އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ޕްރޮގުރާމެކެވެ. ކެއާ ސޮސައިޓީގައި ކުރިއަށް ދިޔަ މި ހަރަކާތުގައި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 50 ބައިވެރިންގެ ލޯ ވަނީ ޗެކްކޮށްފަ އެވެ. 

ކެއާ ސޮސައިޓީގައި ކުރިއަށް ގެންދިޔަ ލޯ ސްކްރީން ކުރުމުގެ ހަރަކާތުގެ ބައިވެރިއެއްގެ ލޯ ސްކްރީން ކުރަނީ.
ކެއާ ސޮސައިޓީގައި ކުރިއަށް ގެންދިޔަ ލޯ ސްކްރީން ކުރުމުގެ ހަރަކާތުގެ ބައިވެރިއެއްގެ ލޯ ސްކްރީން ކުރަނީ.

އައިކެއާއިން ބުނީ މި ޕްރޮގްރާމްގެ މަގްސަދަކީ ލޮލުގެ ފެނުމާ ގުޅޭ މައްސަލަތައް ކުރީބައިގައި ދެނެގަނެ، ލޮލުގެ ސިއްހަތު ރަނގަޅަށް ބެހެއްޓޭނެ ގޮތްތަކާއި ގުޅޭ ގޮތުން ލަފާ ދިނުން ކަމަށެވެ. އެ ހަރަކާތުގައި އައިކެއާގެ ޑޮކްޓަރުންގެ ޓީމުން ބައިވެރިންގެ ލޮލުގެ ފެނުމުގެ އަސާސީ ޓެސްޓުތައް ހަދައި، އިތުރު ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާއާ ގުޅޭ ގޮތުން ކުރިއަށް ދާންވީ ގޮތްތައް ވަނީ ކިޔައިދީފަ އެވެ. 

އައިކެއާއިން ބުނީ ރާއްޖޭގެ އެކި މުޖުތަމައުތަކުގައި ދިރިއުޅޭ ފަރާތްތަކަށް، ލޮލުގެ ސްކްރީނިންގެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަކީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ މުހިންމު ބައެއް ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ގޮތެއްގައި ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ ފޯރުކޮށްދިނުމާއި، ބޭނުންވާ ވަގުތު އެކަށީގެންވާ ލަފަޔާއި އިރުޝާދު ދިނުމުގައި އެ ކުންފުނިން ދެމިތިބޭނެ ކަމަށް ވެސް ބުންޏެވެ. 

ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރު ކުރުމާއި، ގަވާއިދުން ލޮލުގެ ޗެކަޕް ހެދުމުގެ މުހިންމުކަން މުޖުތަމައުތަކަށް ފޯރުކޮށްދިނުމަކީ، އައިކެއާގެ ސީއެސްއާރް ހަރަކާތްތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައކަތް ކުރާ ހަރަކާތްތަކެއްގެ ގޮތުގައި އެކުންފުނިން ފާހަގަކުރެ އެވެ.