މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ސޮނެވާ ނަމޫނާ އާއި، ރ. ފައިނު ކައުންސިލާ ގުޅިގެން އެރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަޝްރޫއެއް ހިންގުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ރ. ފައިނުގައި ހަތް ދުވަހުގެ ވޭސްޓް އޮޑިޓެއް ހިންގައި، ސިސްޓަމެއް ފަރުމާކުރުމަށް ބޭނުންވާ ބޭސްލައިނެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކުނި މެނޭޖްކުރުމަށް ކޮންމެހެން ބޭނުންކުރަންޖެހޭ މެޝިނަރީތައް އިންސްޓޯލްކުރުމާއި، އެތަކެތި ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. 

އޭގެ އިތުރުން ފައިނުގެ ރައްޔިތުންނަށް އަމާޒުކޮށް، ކުނިން ގަސްކާނާ އުފައްދާނެ ގޮތުގެ ޒީރޯ ވޭސްޓް ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި "އެންމެނަށް އެނގޭ ބޮޑު ސިއްރު"ގެ ނަމުގައި މައްސަރު ކަންތައްތަކާއި ދަރިމައިވުމުގެ ސިއްހަތާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމަށް ބާއްވާ ސެޝަންތައް ވެސް އޭގެ ތެރޭގައި ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްއައިބީން އަންނަނީ 2025 ވަނަ އަހަރުން ފެށިގެން ސޮނެވާ ނަމޫނާއާ އެކު ތިމާވެއްޓާގުޅޭ މަޝްރޫއުތަކުގައި އެކުގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މީގެ ކުރިން ބ. ގޮއިދޫގައި ވެސް ވަނީ މި ޕާޓްނަޝިޕްގެ ދަށުން ތިމާވެއްޓާގުޅޭ މިފަދަ މަޝްރޫއެއް ހިންގައިފަ އެވެ.

މިއީ އެމްއައިބީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން މުޖުތަމައުތައް ބާރުވެރިކޮށް، ދެމެހެއްޓެނިވި ތިމާވެށީގެ ތަރައްގީއަށް އެހީތެރިވެދިނުމަށް އެމްއައިބީން ކުރަމުންދާ މަސައްކަތެއްކަމުގައި އެ ބޭންކުން ބުންޏެވެ.