ދައުލަތުގެ ބަޖެޓުން ސަބްސިޑީތަކަށް މިއަހަރަށް ކަނޑައަޅާފައިވާ 50 ޕަސެންޓް ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން މިއަހަރުގެ މިހާތަނަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން ވަނީ 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 400 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ސަބްސިޑީއަށް މިއަހަރުގެ ބަޖެޓުގައި 2.8 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ސަރުކާރުން އަންނަނީ އެކި ދާއިރާތަކުން ސަބްސިޑީ ދެމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ފިއުލް ސަބްސިޑީ އާއި ޓްރާންސްޕޯޓް ސަބްސިޑީ އާއި  ކުންޏާއި ނަރުދަމާގެ ހިދުމަތުން ދޭ ސަބްސިޑީ ހިމެނެ އެވެ.

މިއަހަރުގެ ބަޖެޓުގައި އެހެނިހެން ސަބްސިޑީތަކަށް އެއް ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ވޭތުވެދިޔަ އަހަރު އެހެނިހެން ސަބްސިޑީތަކަށް ހޭދަކޮށްފައިވަނީ 246 މިލިއަން ރުފިޔާ އެވެ. އެހެންވެ، މިއަހަރު ސަރުކާރުން އެހެން އިތުރު ބޭނުންތަކަށް ދޭ ސަބްސިޑީތަކަށް ބޮޑު ހޭދައެއް ކުރަން ނިންމާފައިވެ އެވެ.

އާންމު ސަބްސިޑީގެ އިތުރުން މެޑިކަލް ބޭނުންތަކަށް އެންސްޕާ މެދުވެރިކޮށް 77 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު އާސަންދަ ސްކީމަށް ވެސް ވަނީ 629 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އެއީ ކުރީ އަހަރަށް ވުރެ  87 ރުފިޔާ ދަށް އަދަދެކެވެ.

ސަބްސިޑީ އާއި އެހެން ސަރުކާރުގެ ގްރާންޓްތަކަށް ބަޖެޓުގައި 10.6 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރެއިން 3.9 ބިލިއަން ރުފިޔާ ބަޖެޓުން ހޭދަކޮށްފައިވެ އެވެ.