މިއަހަރުގެ މިހާތަނަށް ސަބްސިޑީއަށް ކުރި ހޭދަ 4.3 ބިލިއަން ރުފިޔާއަށް އަރައި، ބަޖެޓް ކުރި އަދަދަށް ވުރެ 50 ޕަސެންޓް އިތުރަށް ސަބްސިޑީ ދީފި އެވެ. 

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ސަބްސިޑީއަށް 4.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއަހަރަށް ބަޖެޓުކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާ އެވެ.

އިންޑައިރެކްޓް ސަބްސިޑީގެ ގޮތުގައި ދައުލަތުން ކަރަންޓާއި ކާބޯތަކެއްޗާއި ތެލާއި ދަތުރުފަތުރާއި ނަރުދަމާ އާއި މަހުގެ އަގު ކޮންޓްރޯލް ކުރުމަށް ވެސް ހޭދަކުރެ އެވެ.

މިދިޔަ އަހަރު ވެސް ސަބްސިޑީތަކަށް 4.9 ބިލިއަން ރުފިޔާ ހޭދަކުރި އެވެ. އެ އަހަރު ބަޖެޓުގައި ޖެހީ 1.9 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އެ އަދަދު އެހާ ބޮޑަށް ދަށްކޮށް ބަޖެޓުގައި ޖެހީ، ބަޖެޓުތައް ޓާގެޓުކޮށް ސަބްސިޑީ ރިފޯމް ގެނައުމަށް ނިންމާފައި އޮތުމުންނެވެ. ނަމަވެސް، ސަރުކާރުން ފަހުން ވަނީ އެފަދަ ބަދަލެއް ނުގެންނަން ނިންމައިފަ އެވެ.

މިއަހަރަށް ފިއުލް ސަބްސިޑީގެ ގޮތުގައި ބަޖެޓުގައި ޖަހާފައި ވަނީ އެއް ބިލިއަން ރުފިޔާ އެވެ. އެކަމަކު މެދުއިރުމަތީގެ ހަނގުރާމައާ ހެދި ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިންތިހާއަށް އުފުލުމާ ގުޅިގެން ތެލަށް ކުރާ ހޭދަ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މިއީ ސަބްސިޑީއަށް ކުރި ހޭދަ އެހާ ބޮޑަށް އިތުރުވި އެއް ސަބަބެވެ.

ސަރުކާރުން ދޭ ސަބްސިޑީގެ ތެރެއިން އެންމެ ބޮޑު އަދަދެއް މަދުކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާއިންނެވެ. މިއަހަރުގެ ބަޖެޓުގައި އެ އަދަދު ވަނީ 73 ޕަސެންޓަށް ދަށްވެފަ އެވެ. މިދިޔަ އަހަރު ދަތުރުފަތުރުގެ ސަބްސިޑީއަށް 918 މިލިއަން ކަނޑައެޅި އިރު މިއަހަރަށް ކަނޑައަޅާފައި ބަޖެޓުގައިވަނީ 250 މިލިއަން ރުފިޔާ އެވެ.

ދަތުރުފަތުރުގެ ސަބްސިޑީ އެހާ ބޮޑަށް ދަށްވި އިރު އެހެން ސަބްސިޑީގެ ގޮތުގައި ވަކި ކަމެއް ނުހިމަނާ ބަޖެޓުގައި ޖަހާފައިވާ އަދަދު ވަނީ 324 ޕަސެންޓް އިތުރުވެފަ އެވެ. ވަކި ކަމެއް ނުހިމަނާ، އެހެނިހެން ސަބްސިޑީއަށް ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ދޭން ހިމަނާފައިވާ އިރު މިދިޔަ އަހަރު އެ އެފަދަ ހަރަދުތަކަށް ބަޖެޓުގައި ހިމަނާފައިވަނީ 247 މިލިއަން ރުފިޔާ އެވެ.

ކަރަންޓް ސަބްސިޑީއަށް މިއަހަރުގެ ބަޖެޓުގައި 730 މިލިއަން ކަނޑައަޅާފައިވާ އިރު އެއީ މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް 45 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ކާބޯތަކެތީގެ ސަބްސިޑީއަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 344 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 25 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. މަހުގެ އަގު ކޮންޓްރޯލް ކުރުމަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދު ވެސް މިދިޔަ އަހަރަށް ވުރެ 62 މިލިއަން ރުފިޔާ ދަށެވެ. ބަޖެޓުގައިވާ ގޮތުން މަހުގެ އަގު ކޮންޓްރޯލް ކުރުމަށް ހޭދަކުރަން ނިންމާފައިވަނީ 280 މިލިއަން ރުފިޔާ އެވެ.

ނަރުދަމާއަށް ދޭ ސަބްސިޑީ މިއަހަރު ގާތްގަނޑަކަށް 35 މިލިއަން ރުފިޔާ އިތުރަށް ޖުމްލަ ބަޖެޓުން 135 މިލިއަން ހޭދަކުރަން ވަނީ ނިންމާފަ އެވެ.