މޯލްޑިވްސް އިސްލާމިކް ބޭންކުގެ 16 ވަނަ އަހަރީ އާންމު ޖަލްސާ އަންނަ ހޯމަ ދުވަހު މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޓެޑުން ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމް "ފަހިވޯޓް" މެދުވެރިކޮށް ބާއްވާނެ ކަމަށް އެ ބޭންކުން އިއުލާންކޮށްފި އެވެ.
އެމްއައިބީން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ ވޯޓުލުމުގެ ހައްގު ލިބޭނީ މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ހިއްސާގެ ރަޖިސްޓްރީގައި ހިމެނިފައިވާ ހިއްސާދާރުންނަށް އެކަނި ކަމަށެވެ.
މި ފަހަރުގެ އޭޖީއެމްގައި ޑިސެމްބަރު 31، 2025 ގައި ނިމުނު މާލީ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ފާސްކުރުމާއި، ކޮންމެ ހިއްސާއަކަށް ދިނުމަށް ހުށަހަޅާފައިވާ ޑިވިޑެންޑް ފާސްކުރުމާއި، 2026 ވަނަ އަހަރަށް އެކްސްޓާނަލް އޮޑިޓަރެއް އައްޔަންކުރުމާއި، ޑިރެކްޓަރުންގެ ބޯޑުގެ މުސާރަ ޕެކޭޖަށް ހުށަހަޅާފައިވާ އިސްލާހުތަކަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑުން ލަފާދީފައި ވަނީ ޑިސެމްބަރު 31، 2025 ގައި ނިމުނު އަހަރަށް، ހިއްސާދާރުންނަށް 129.6 މިލިއަން ރުފިޔާގެ ޑިވިޑެންޑެއް ބެހުމަށެވެ. މިގޮތަށް ފާސްކޮށްފި ނަމަ ކޮންމެ އާންމު ހިއްސާއަކަށް ޖެހޭނީ 5.41ރ. އެވެ.
އެމްއައިބީގެ 16 ވަނަ އޭޖީއެމްގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމް ހުށަހަޅައިގެން މިހާރު ޕްރީ ރަޖިސްޓްރީ ކުރެވޭނެ އެވެ. ޕްރީ ރަޖިސްޓްރޭޝަން އަދި ޕްރޮކްސީ ރަޖިސްޓްރޭޝަން ހުށަހެޅޭނީ ހޮނިހިރު ދުވަހުގެ މެންދުރު 2 ޖަހަންދެނެވެ.
އެމްއައިބީ އޭޖީއެމް ކުރިއަށްދާނީ ވާޗުއަލްކޮށެވެ. މި ޖަލްސާގައި ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުންނަށް ފަހިވޯޓް މެދުވެރިކޮށް ވޯޓު ލުމުގެ ފުރުސަތު ލިބޭނެ އެވެ.
މީގެ އިތުރުން ވެސް އެމްއައިބީގެ އަހަރީ އާންމު ޖަލްސާއާއި، ރަޖިސްޓްރޭޝަންގެ އުސޫލުތަކާއި، އެޖެންޑާއާއި، ސަޕޯޓިން ޑޮކިއުމަންޓްތަކާ ގުޅޭ އިތުރު ތަފްސީލުތައް އެމްއައިބީގެ އިންވެސްޓަ ރިލޭޝަންސް ވެބްޕޭޖުން ލިބޭނެ އެވެ.