އެސްޓީއޯ އިން މިހާރު އަމާޒު ހިފާފައި ވަނީ އެ ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔަ ހޯދަން ކަމަށް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ކުރިއަށް އޮތް ފަސް އަހަރުގެ ތަސައްވުރު ހިއްސާކުރައްވައި، ޝިމާދު ވިދާޅުވީ އެސްޓީއޯ ކުރިއަރަމުން އަންނަ ރޭޓުގައި ކުރިއަށް ދާނަމަ، އެ އަމާޒަށް އޭގެ ކުރިން ވެސް ވާސިލް ވެވިދާނެ ކަމަށެވެ.
ކުރިއަށް އޮތް ފަސް އަހަރު އެ އަމާޒަށް ވާސިލްވުމަށް އެސްޓީއޯ އިން އާ ވިޔަފާރިތައް އަހަރު އަހަރަށް ފަސް ޕަސެންޓަށް އިތުރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށަށް އެމްޑީ ވިދާޅުވި އެވެ. އަދި އެ ކުންފުނީގެ އަމާޒަކީ މާޖިން އިތުރު ކޮށްގެން ފައިދާ ހޯދުމުގެ ބަދަލުގައި ވޮލިއުމް އިތުރުކޮށް، ފައިދާ ހޯދުން ކަމަށް ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވި ގޮތުގައި، ހިއްސާދާރުންނަށް ފައިދާ ވާނެ ގޮތަށް "ރިޓާން އޮން އިކުއިޓީ" 15 ޕަސެންތަށް ވުރެ ދަށް ނުވާނެ މިންވަރުގައި ހިފެހެއްޓުމަށް މަސައްކަތް ކުރާނެ އެވެ.
އޭނާ ވިދާޅުވީ އެސްޓީއޯ އިން 2030 ވަނަ އަހަރާ ހަމައަށް ދާއިރު އެސެންޝިއަލް އައިޓަމްތަކުގެ އެވައިލަބިލިޓީ 98 ޕަސެންޓަށް އިތުރު ކުރުމަކީ ވެސް އެ ކުންފުނީގެ މުހިންމު އަމާޒެއް ކަމަށެވެ.
އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.7 ބިލިއަން ރުފިޔާ ލިބުނުއިރު އެ ކުންފުންޏަށް އެކަނި އާމްދަނީގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކާ އެކު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބުނު އިރު އެ ކުންފުންޏަށް އެކަނި ފައިދާގެ ގޮތުގައި 763 މިލިއަން ރުފިޔާ ލިބިފަ އެވެ.
މި އަހަރު އެސްޓީއޯގެ ހިއްސާއަކަށް ބަހަން ނިންމި 85ރ. އަކީ ފަހުގެ ތާރީހެއްގައި ބެހި އެންމެ ބޮޑު ހިއްސާގެ ފައިދާ އެވެ.