އެސްޓީއޯއިން ފެށި ބަންކަރިން ވިޔަފާރީގެ އާމްދަނީ އަހަރުން އަހަރަށް އެތައް ގުނައަކުން އިތުރުުވަމުން އަންނަ ކަމަށާއި އެއީ ރަނގަޅު ވިޔަފާރިއެއް ކަމަށް އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ޝިމާދު އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ހަފުތާ 156" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝިމާދު ވިދާޅުވީ 2024 ވަނަ އަހަރު ބަންކަރިން ވިޔަފާރި ފަށައި، އާ އުފެއްދުމެއް ކަމަށްވާ ވީއެލްއެސްއެފް ވިއްކަން ފެށުމަކީ އެސްޓީއޯއަށް ކާމިޔާބު މަސައްކަތެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތް ފެށިތާ ފުރަތަމަ ދެތިން މަހު ލިބުނީ ގާތްގަނޑަކަށް 2.9 މިލިއަން ޑޮލަރުގެ އާމްދަނީ އެކެވެ.
"ދެން މިދިޔަ 2025 ގައި 18 މިލިއަން ޑޮލަރު. އެހެންވީމާ ވަރަށް ބޮޑު ކުރިއެރުމެއް އެއީ. ދެން މިއަހަރު މިހާތަނަށް އޮކްޓޯބަރާ ހަމައަށް އަޅުގަނޑުމެންނަށް މި ވިޔަފާރިން ގާތްގަނޑަކަށް 70 މިލިއަން ޑޮލަރަށް ވުރެ އިތުރަށް އާމްދަނީ ލިބިއްޖެ. އެހެންވީމާ މިދަނީ ވަރަށް ބޮޑު އެކްސްޕޯނެންޝަލް ގްރޯތަކަށް،"ޝިމާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެސްޓީއޯއިން އެ ވިޔަފާރި ތައާރަފް ނުކުރިނަމަ އެ ހުރިހާ ފައިސާއަކީ ގައުމުން ބޭރަށް ދާނެ ފައިސާ ކަމަށާއި އަދި ރާއްޖެ ސަރަހައްދުގައި އެ ބާވަތުގެ ތެޔޮ އަޅައިދިނުމުގެ އިތުރުން ބަންކަރިންގެ އެހެން ހިދުމަތްތަކުގެ ފައިދާ ވެސް ނަގާނީ ބޭރުގެ ބަޔަކު ކަމަށް އޭނާ ވިދާޅުވި އެވެ.
ބަންކަރިން މަސައްކަތް ކުރަނީ "ޑެމޮންސްޓްރޭޝަނެއް"ގެ ފެންވަރުގައި ކަމަށާއި އަދި އެ ވިޔަފާރި ރަނގަޅަށް ކުރާނަމަ އިހަވަންދިއްޕޮޅު ފަދަ ސަރަަހައްދުތަކުގައި ތެޔޮ ރައްކާކުރާނެ ޖާގަ ގާއިމް ކުރަންޖެހޭ ކަމަށް ޝިމާދު ވިދާޅުވި އެވެ.
"މިހާރު ވާ ގޮތަކީ އަޅުގަނޑުމެން މި އުޅެނީ ބޯޓްތައް ގެނެސްގެން، ދުއްވާ ބޯޓްތަކުގައި މި ހިދުމަތް ފޯރުކޮށްދެނީ. އެންމެ ރަނގަޅަށް އެންމެ އެކަށީގެންވާ ގޮތުގައި މިކަން ކުރާ ކަަމަށް ވަންޏާ އަޅުގަނޑުމެން އެބަޖެހޭ ލޭންޑް ބޭސްޑް ސްޓޯރޭޖަށް އިންވެސްޓްކުރަން،" ޝިމާދު ވިދާޅުވި އެވެ.
މިހާތަނަށް އާމްދަނީ ލިބުނު އަދަދުތަކަށް ބަލާއިރު އެއީ ކުރަން "ހިތްވަރުލިބޭ" ވިޔަފާރިއެއް ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.