ރާއްޖެ އަށް ބޭނުންވާ ތެޔޮ ގެނައުމުގައި، ތެޔޮ އެތެރެ ކުރާ އެހެން ފަރާތްތަކާ އެކު، ތެލުގެ ސަޕްލައި މެނޭޖު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ވަގުތަށް އެކަމުގައި އުނދަގުލެއް ނެތް ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ވަރުގަދަ ހަމަލަތަކާ އެކު، މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި ހުރި ތެލުގެ ސްޓޯރޭޖުގައި މައްސަލައެއް ނެތް ކަމަށާއި މި ވަގުތަށް ރާއްޖެ އަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމުގެ ކަންކަން ވަރަށް ވިސްނުންތެރިކަމާ އެކު ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާ އަށް ބޭނުންވާ ތެޔޮ މި ވަގުތު ރާއްޖޭގައި އެބަހުރި ކަމަށެވެ. އަދި އިތުރު ތެލުގެ ޝިޕްމަންޓު އަންނަ ހަފުތާގެ ތެރޭގައި ރާއްޖެ އަށް ގެންނާނެ ކަމަށް ޝިމާދު ވިދާޅުވި އެވެ.
އެސްޓީއޯގެ ލަފައަކީ އާ ތެލުގެ ޝިޕްމެންޓެއް މި މަހުގެ 20 އަދި 23 ގައި ވެސް ރާއްޖެ އަށް އަންނާނެ ކަމަށެވެ.
ޝިމާދު ވިދާޅުވި ގޮތުގައި، ތެޔޮ ގެނައުމުގައި މި ވަގުތު ބުރޫނޭރިޔަސް، އަގުތައް ކުރިއަށް އޮތްތަނުގައި ވެސް އުފުލޭނެ އެވެ. ސަބަބަކީ، ދުނިޔޭގެ ބާޒާރުގައި ރާއްޖެ އަށް ގެންނަ، ސާފުކޮށްފައިވާ ތެލުގެ އަގު 100 ޕަސެންޓަށް ވުރެ މައްޗަށް އުފުލިގެން ދިއުމެވެ.
"އިޝޫއަކަށް އުޅެނީ އަގު. ރާއްޖެ މި އެތެރެ ކުރަނީ ޑީސަލް، ޕެޓްރޯލަކީ އެންމެ ކްލީން ތެޔޮ ރިފައިން ކޮށްފައި ހުންނަ. އޭގެ އަގު ހަނގުރާމަ ފެށުމާ ހަމައަށް މިވަނީ ދެގުނަ އަށް ވުރެ ބޮޑަށް އިތުރުވެފައި،" އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އިން މިވަގުތު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.01ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަނީ 17.54ރ. އަށެވެ. ހާލަތު މިގޮތަށް ކުރިއަށްދާ ނަމަ ޑީސަލާއި ޕެޓްރޯލްގެ އަގު މިހާރަށް ވުރެ ބޮޑަށް އުފުލޭނެ ކަމަށް ބެލެވެ އެވެ.
ޕެޓްރޯލާއި ޑީސަލްގެ އިތުރުން ފިއުލް އޮއިލް އާއި ޖެޓް ފިއުލްގެ އަގު ވެސް 100 ޕަސެންޓަށް ވުރެ މިހާރު ވަނީ މަތިވެފަ އެވެ. ތެޔޮ ގެނައުމުގައި އިންޝުއަރެންސް ވަރަށް ގިނަ ތަންތަނުން ކެންސަލް ކޮށްފައިވީ ނަމަވެސް ރާއްޖެ އިން މިހާތަނަށް ތެޔޮ ގެންނަނީ އިންޝުއާ ކޮށްގެން ކަމަށް ޝިމާދު ވިދާޅުވި އެވެ.
އެސްޓީއޯގެ އިތުރުން ހޯކްސް އާއި ވިލާ އާއި ކޯސްޓްލައިން ތެލުގެ ސްޓޯރޭޖުތައް އެބަހުއްޓެވެ. މިވަގުތު ސީދާ ރާއްޖެއަށް ތެޔޮ އެތެރެ ކުރަމުން އަންނަނީ އެސްޓީއޯ އާއި ހޯކްސް އާއި ވިލާއިންނެވެ.
އެސްޓީއޯއިން ބުނީ، މިއީ ރާއްޖެ އަށް ސީދާ ކޮންޓްރޯލް ކުރެވޭ ހާލަތަކަށް ނުވާތީ ވަރަށް ގާތުން އެކަންކަން ބަލަމުން އަންނަ ކަމަށެވެ.