ގައުމުތަކުން ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމުގެ ސަބަބުން، ތެލުގެ އަގަށް އަންނަ ބަދަލުތަކުން އިގްތިސާދަށް ކުރިމަތިވާ ބޮޑެތި ލޮޅުންތައް ކުޑަ ކުރެވިފައިވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.
ދުނިޔޭގެ އިގްތިސާދީ ކުރިއެރުމާ ގުޅޭ ގޮތުން އައިއެމްއެފް އިން އާންމުކުރި ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ އިގުތިސާދު ތެލަށް ބަރޯސާވާ މިންވަރު އަދިވެސް ބޮޑު ނަމަވެސް ފާހަގަކުރެވޭ މިންވަރަކަށް ތެލަށް ބަރޯސާވާ ވަރު ވަނީ ކުޑަކުރެވިފަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ހަކަތައަށް ބަރޯސާވާ އިގްތިސާދީ ހަރަކާތްތައް މަދުކުރުމާއި ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ކަރަންޓް އުފެއްދުމާއި ތެލަށް ބަރޯސާ ނުވެ ހަކަތަ އުފައްދާ އެހެން ވަސީލަތްތަކަށް ބަރޯސާވާން ފެށުން ކަމަށް އައިއެމްއެފް އިން ބުންޏެވެ.
އައިއެމްއެފް އިން ބުނީ، މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ދުނިޔޭގެ އުފެއްދުންތެރިކަމުގެ ކޮންމެ ޑޮލަރަކަށް ބޭނުންކުރާ ހަކަތަ 32 ޕަސެންޓަށް ދަށްކުރެވިފައިވަ ކަމަށެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން އިޔާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ކަރަންޓުގެ މިންވަރު އިތުރުވެ، ތެލުން ކަރަންޓް އުފައްދާ މިންވަރު އެއް ވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ވެސް ބުންޏެވެ އެހެންވެ، 2010 އިން ފެށިގެން އިތުރަށް ބޭނުން ކުރާ ކަރަންޓްގެ 60 ޕަސެންޓް ކަރަންޓް އުފައްދަނީ އިޔާދަކުރަނިވި ހަކަތަ މެދުވެރިކޮށް ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެ އެވެ.
މިއަހަރުގެ މާޗް މަހު ދުނިޔޭގެ އެކި ގައުމުތަކަށް ތެޔޮ ސަޕްލައިކޮށްދޭ މަގު، ހޮރްމޫޒް ކަނޑުއޮޅު ބަންދުކުރުމާ އެކު ތެޔޮ ފީފާއެއްގެ އަގު 110 ޑޮލަރަށް އުފުލުނެވެ. އެއާ އެކު ދުނިޔޭގެ އިގްތިސާދު ކުރިއަރާ މިންވަރު 0.9 ޕަސެންޓަށް ދަށަށް ދިޔަ އެވެ. ހަނގުރާމައިގެ ކުރިން ހުރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ދުވާލަކު 20 މިލިއަން ފީފާގެ ތެޔޮ އުފުލަމުންދިޔަ އެވެ.
އެކެމަކު އެހެން ބަނދަރުތައް މަގުތައް މެދުވެރިކޮށް ތެޔޮ ފޯރުކޮށްދޭން ފެށި، އެހެން ސަރަހައްދުތަކުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމާ އެކު ތެޔޮ ފީފާއެއްގެ އަގު 85 ޑޮލަރަށް ކުޑަވި އެވެ. އެއާ އެކު މިހާލަތުން ދުނިޔޭގެ އިގްތިސާދަށް ކުރި އަސަރު 0.4 ޕަސެންޓަށް ކުޑަ ކުރެވުނު ކަމަށް އައިއެމްއެފް އިން ބުންޏެވެ.
އައިއެމްއެފް އިން ބުނީ، 2010 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ޖީޑީޕީގައި ތެޔޮ ބޭނުން ކުރަ މިންވަރު 20 ޕަސެންޓަށް ދަށްކުރެވިފައިވާ ކަމަށެވެ. އެހެންވެ، މިއަހަރު ތެލުގެ އަގު ބޮޑުވުމުން ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް އެކަމުން ކުރާ އަސަރު ކުޑަ ކަމަށް ވެސް ބުންޏެވެ. މިފަދަ ހާލަތެއް ކުރީގެ އަހަރުތަކުގައި ދިމާވެއްޖެ ނަމަ، މުޅި އިގްތިސާދަށް އޭގެއިން ވާ ގެއްލުން މާ ބޮޑު ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރި އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ގައުމުތަކުން ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތަ އުފެއްދުމުގައި އެެހެން ގޮތްތައް ބޭނުން ކުރަން ވަނީ ފަށައިފަ އެވެ. ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެތެރެކުރާ ޗައިނާއިން، މިއަހަރުގެ މާޗު މަހުން ޖޫން މަހަށް ތެޔޮ އިމްޕޯޓް ކުރާ މިންވަރު 23 ޕަސެންޓަށް ދަށްކޮށްފައިވެ އެވެ. އެއީ ވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލު ކުޑަކުރުމަށް އިތުރަށް މަގުފަހިވި ކަމެއް ކަމަށް އައިއެމްއެފް އިން ބުންޏެވެ. ޗައިނާ އިން ތެޔޮ އެތެރެ ކުރާ ވަރު މަދުކުރީ، އެ ގައުމުގެ އެތެރޭގެ ބޮޑެތި ރިޒާވްތަކުން ތެޔޮ ނެގުމާއި، ސާފުކުރި ތެޔޮ ބޭނުންކުރާ މިންވަރު ކުޑަކޮށްގެންނެވެ.