ރާއްޖެ އަށް އާންމުކޮށް ތެޔޮ އެތެރެކުރާ އޮމާންގެ އިތުރުން ސިންގަފޫރުކޮޅުން ވެސް ތެލުގެ ޝިޕްމަންޓެއް ބަރުކޮށްފައިވާ ކަމަށާއި އަންނަ މަހުގެ ކުރީކޮޅު އެ ޝިޕްމަންޓު ގެންނާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، ދަތިކަމެއް ނެތި ރާއްޖެ އަށް ތެޔޮ ލިބޭނެ ގޮތްތައް ހޯދުމަށް އިތުރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ޒަމީރު ވިދާޅުވި ގޮތުގައި، މިހާރު ވެސް އެކަށީގެންވާ ވަރެއްގައި ތެލުގެ ސްޓޮކެއް ރާއްޖޭގައި އެބަހުއްޓެވެ.

"އޭޕްރީލް ފެށޭ އިރު އަންނާނެ ސިންގަޕޫރުކޮޅުން ބަރުކޮށްގެން އަންނަ ވެސަލްއެއް. ޑީސަލާއި ޕެޓްރޯލް ވެސް ހުންނާނެ. އަދި ގާތްގަނޑަކަށް 4 ނުވަތަ 5 ގައި އޮމާންގެ ސޮހާރުން އަނެއްކާ ވެސް ބަރުކޮށްގެން އަންނަ ތެޔޮ އެބަ އާދޭ،" އޭނާ ވިދާޅުވި އެވެ.

މިހާރުގެ ހާލަތަށް ބަލާއިރު ރާއްޖެ އަށް ދުވަހުން ދުވަހަށް ބޭނުންވާ ވަރަށް ޕެޓްރޯލާއި ޑީސަލް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ފިނޭންސް މިނިސްޓަރު ޒަމީރު މިއަދު ނޫސްވެރިންނާ ވާޙަކަ ދައްކަވަނީ.
ފިނޭންސް މިނިސްޓަރު ޒަމީރު މިއަދު ނޫސްވެރިންނާ ވާޙަކަ ދައްކަވަނީ.

ޒަމީރު ވިދާޅުވީ، މިހާރު ވެސް ތެލުގެ އަގުވަނީ ދެ ގުނަ އުފުލިފައި ކަމަށާއި މި ހާލަތުގައި ވެސް ތެލުގެ އަގަށް އިތުރު ބަދަލެއް ގެންނަން ސަރުކާރުގެ ވިސްނުމެއް ނެތް ކަމަށެވެ.

"ބައެއް އިންޑަސްޓްރީތަކަށް މާ ބޮޑަށް ގެއްލުން ވެދާނެތީވެ އަދި އާންމުންނަށް މާ ބޮޑަށް ގެއްލުން ވެދާނެތީވެ، އޭގެ އުނދަގޫތައް ފޯރަފާނެތީވެ، ބައެއް ކަހަލަ ދިމަދިމާލުން އަޅުގަނޑުމެން ތެލުގެ އަގު ބޮޑުނުކޮށް، ސަބްސިޑައިޒް ކޮށްގެން މިގެންދަނީ. މަސްވެރިންނާއި މިސާލަކަށް މާލޭގައި ޕެޓްރޯލް ޕަމްޕުން ގަންނަ ފަރާތްތަކަށާއި އަދިވެސް އޭގެ އިތުރުން ހިދުމަތް ހޯދާ ފަރާތްތަކަށް އެކަށީގެންވާ ހެޔޮ އަގެއްގައި ތެޔޮ ފޯރުކޮށްދިނުން ސަރުކާރުން މިހާރު ކުރާ ކަމަކީ،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

އެސްޓީއޯ އިން މިވަގުތު ޕެޓްރޯލް ލިޓަރެއް ވިއްކަނީ 16.01ރ. އަށެވެ. ޑީސަލް ލިޓަރެއްގެ އަގަކީ 17.54ރ. އެވެ. 

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ރޭ ވިދާޅުވީ، ކުރިން ތާވަލު ކޮށްފައިވާ ގޮތަށް މިދިޔަ ހަފުތާގައި ވެސް ތެލުގެ ދެ ޝިޕްމަންޓު އެސްޓީއޯ އިން ރާއްޖެ ގެނައި ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖެ އަށް އެސްޓީއޯ އިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި އަދި ދުރާލާ ސަޕްލަޔަރުންނާ އެކު އެ ކުންފުނިން އެއްބަސްވެފައިވާ "ނޮމިނޭޝަން" އެރޭންޖްމެންޓުގެ ދަށުން ކަމަށެވެ.

ފިނޭންސް މިނިސްޓަރު ޒަމީރު މިއަދު ވިދާޅުވީ، ތެލުގެ އަގު އުފުލުމާ ގުޅިގެން ބައެއް ސެކްޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ސަބްސިޑައިޒް އަގެއްގައި ވެސް ތެޔޮ ފޯރުކޮށްދިނުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ހަނގުރާމަ ކުރިއަށްދާ ގޮތަށް ބަލާއިރު ފެންނަނީ ކުއްލިއަކަށް ހަނގުރާމަ ނިމޭ ގޮތަކަށް ނޫނެވެ.

އެހެންވެ، މި ހާލަތަށް ސަރުކާރުން ތައްޔާރުވާ ކަމަށާއި ކުރިއަށް އޮތް ހަ މަސް ދުވަހަށް ކަންކަން ރާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ، ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށާއި ރާއްޖޭގެ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި މަސައްކަތް ކުރާ ކަމަށެވެ. އަދި ރައްޔިތުންނަށް ކޮންމެހެން ލިބެން ޖެހޭ ހިދުމަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.

"މެޑިކަލް ކަންކަމާއި ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ފޮނުވަން ޖެހޭ ފައިސާ އާއި ކާޑުގެ ބާވަތްތައް ވެސް ދުވަހުން ދުވަހަށް ލިބޭނެ ގޮތްތައް ރާވައި، ތަކެތީގެ އަގުތައް އެކަށީގެންވާ ވަރެއްގައި ހިފެހެއްޓޭތޯ މަސައްކަތް ކުރަން،" އޭނާ ވިދާޅުވި އެވެ.