މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ހެދި ތެލުގެ އަގު އުފުލެމުން ގޮސް، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 110 ޑޮލަރަށް ވުރެ މައްޗަށް އަރައިފި އެވެ.
ހަނގުރާމައިގެ ކުރިން ތެޔޮ ފީފާއެއްގެ އަގު ހުރީ އެވްރެޖުކޮށް 70 ޑޮލަރުގަ އެވެ. އެހެންވެ މިއީ ގާތްގަނޑަކަށް 40 ޕަސެންޓްގެ އުފުލުމެކެވެ.
އެންމެފަހުން ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރުން މައްޗަށް އެރީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ކުރީކޮޅު އުފެދުނު ހާސްކަމުގެ ތެރޭގައި 2022 ވަނަ އަހަރު އެވެ.
އެމެރިކާގެ ތެލުގެ ބެންޗްމާކް ކަމަށްވާ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިޔު.ޓީ.އައި) ގެ އަގު 30 ޕަސެންޓް އުފުލި، 118.88 ޑޮލަރަށް މިހާރު ވަނީ އަރައިފަ އެވެ. އެޓްލާންޓިކް އަދި ޔޫރަޕްގެ ތެލުގެ ބެންޗްމާކްގެ ގޮތުގައި ބަލާ ބްރެންޓް ވަނީ 28 ޕަސެންޓް އުފުލި، 118.73 ޑޮލަރަށް އަރާފަ އެވެ.
ހަނގުރާމަ ފެށުނު ފަހުން ޑަބްލިއުޓީއައި 75 ޕަސެންޓަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، ބްރެންޓް ވަނީ 60 ޕަސެންޓަށް ވުރެ މައްޗަށް ގޮސްފަ އެވެ.
ތެޔޮ އުފައްދައި އެކްސްޕޯޓްކުރާ ގައުމުތަކުގެ ޖަމިއްޔާ، އޯޕެކްގެ މެންބަރުންގެ ތެރެއިން ފަސް ވަނަ އަށް އެންމެ ގިނައިން ތެޔޮ އުފައްދާ ކުވައިތުން ވަނީ ތެޔޮ ސަޕްލައި ކުރަން ބޭނުންކުރާ މުހިންމު ޗެނަލް ހޮރްމުޒް އީރާނުން ބަންދުކުރުމާ ގުޅިގެން، ތެޔޮ އުފައްދާ މިންވަރު މަދުކުރިކަން ވެސް އިއުލާނުކޮށްފަ އެވެ. ނަމަވެސް، ތެޔޮ އުފެއްދުން މަދުކުރީ ކިހާ މިންވަރަކަށް ކަމެއް އެ ގައުމުން ހާމައެއް ނުކުރެ އެވެ. ދެވަނައަށް އެންމެ ގިނަ ތެޔޮ އުފައްދާ އިރާގުން ވެސް ވަނީ ދުވާލަކަށް އުފައްދާ ތެލުގެ މިންވަރު 4.3 މިލިއަން ފީފާއިން 1.3 މިލިއަން ފީފާއަށް މަދުކުރިކަން އިއުލާނުކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 70 ޕަސެންޓުގެ ވެއްޓުމެކެވެ.
ޔޫއޭއީން ވެސް ވަނީ ތެޔޮ އުފެއްދުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރިކަން ހާމަކޮށްފަ އެވެ. އެއީ ތިން ވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމެވެ.
ގަލްފް ގައުމުތަކުން ތެޔޮ އުފައްދުން ކޮންޓްރޯލްކޮށް މަދު ކުރަމުން ދަނީ، ތެލުގެ ސަޕްލައިއަށް ބުރޫ އެރުމާ ގުޅިގެންނެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެން، އީރާނުން އަންްނަނީ އަވަށްޓެރި ގައުމުތަކުގެ އެމެރިކާގެ މިލިޓަރީ ބޭސްތަކަށް ވެސް ހަމަލާދެމުންނެވެ. ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ އިތުރުން ދުނިޔޭގެ ވައިގެ ދަތުރުފަތުރުތަކަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ.