މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ރާއްޖެ އަށް ތެލުގެ ބާވަތްތައް އިމްޕޯޓު ކުރުމަށް 240 މިލިއަން ޑޮލަރު (3.7 ބިލިއަން ރުފިޔާ) ހޭދަކޮށްފި އެވެ.
މިއީ އޭގެ ކުރީ އަހަރަށް ވުރެ 160 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ތެލުގެ ބާވަތްތައް އިމްޕޯޓުކުރުމަށް ހޭދަކުރީ 161 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) އެވެ.
ތެލުގެ ބާވަތްތައް އިމްޕޯޓު ކުރުމަށް ކުރި ހޭދަ އިތުރުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުންނެވެ.
ތެލުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހޭދަވީ ޑީސަލަށެވެ. ޑީސަލްގެ އިމްޕޯޓު 171 މިލިއަން ޑޮލަރަށް އެރިއިރު އެއީ މިދިޔަ އަހަރަށް ވުރެ 47 ޕަސެންޓްގެ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ޑީސަލްގެ އިމްޕޯޓަށް ހޭދަކުރީ 116 މިިލިއަން ޑޮލަތެވެ. މި އަހަރު ޕެޓްރޯލް އިމްޕޯޓު ކުރުމަށް 48 މިލިއަން ޑޮލަރު ހޭދަކުރި އިރު އެއީ މިދިޔަ އަހަރަށް ވުރެ 118 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ޕެޓްރޯލް އިމްޕޯޓަށް ހޭދަކުރީ 22 މިލިއަން ޑޮލަރެވެ.
ޖެޓް ފިއުލް ރާއްޖެ އަށް އެތެރެ ކުރުމަށް 12 މިލިއަން ޑޮލަރު ހޭދަކުރި އިރު އެއީ މިދިޔަ އަހަރު ވެސް ގާތްގަނޑަކަށް ހޭދަކުރި އަދަދެވެ.
ރާއްޖެއަށް އެތެރެކުރާ ތެލުގެ އެންމެ ބޮޑު ބައެއް ގެންނަނީ އެސްޓީއޯ މެދުވެރިކޮށެވެ. އޭގެ އިތުރުން ވިލާ އާއި ހޯކްސް ފަދަ އަމިއްލަ ކުންފުނިތަކުން ވެސް ރާއްޖެއަށް ތެޔޮ އެތެރެ ކުރެ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޖުމްލަ އެއް ބިލިއަން ޑޮލަރުގެ މުދާ ރާއްޖެ އަށް އިމްޕޯޓުކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 20 ޕަސެންޓްގެ އިތުރުވުމެކެވެ.
ތެލުގެ ބާވަތްތަކުގެ ތެރެއިން ރާއްޖެއިން ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ކާބޯތަކެތި އިމްޕޯޓު ކުރުމަށެވެ. މި އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެ އަށް ވަނީ 225 މިލިއަން ޑޮލަރުގެ ކާބޯތަކެތި އެތެރެ ކޮށްފަ އެވެ. ކާބޯތަކެތީގެ ތެރެއިން 45 މިލިއަން ޑޮލަރު ނިސްބަތްވަނީ އެކި ބާވަތްތަކުގެ މަހުގެ އުފެއްދުންތަކަށެވެ. މޭވާގެ ބާވްތަކުގެ އިމްޕޯޓު 35 މިލިއަން ޑޮލަރަށް އަރާ އިރު ބެވެރޭޖަސް އެންޑް ކޮންފެކްޝަނަރީޒްގެ ބާވަތްތަކުގެ އިމްޕޯޓު 42 މިލިއަން ޑޮލަރަށް އަރަ އެވެ. ކިރުގެ ބާވަތްތަކާއި ޑެއިރީ އުފެއްދުންތަކުގެ އިމްޕޯޓު 31 މިލިއަން ޑޮލަރަށް އަރާ އިރު ފުރަތަމަ ކުއާޓާގައި 30 މިލިއަން ޑޮލަރުގެ ތަރުކާރީ ރާއްޖެއަށް އެތެރެކޮށްފައިވެ އެވެ.
ރާއްޖެއަށް އިމްޕޯޓުކުރި މުދަތުގެ ތެރެއިން ޕްރައިވެޓް ސެކްޓަރުން 721 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 10 ޕަސެންޓްގެ އިތުރުވުމެކެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިދާރާތަކުން ރާއްޖެއަށް ވަނީ 279 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 38 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ސަރުކާރުގެ ކުންފުނިތަކުން އެތެރެ ކުރީ 202 މިލިއަން ޑޮލަރުގެ މުދަލެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެކްސްޕޯޓު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުވެފަ އެވެ. ފުރަތަމަ ކުއާޓާގައި 150 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓު ކުރި އިރު އެއީ މިދިޔަ އަހަރަށް ހަ ޕަސެންޓްގެ އިތުރުވުމެކެވެ.