އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ކުރިން ވެސް ކަނޑައަޅާފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެސްޓީއޯ އިން ދެންމެ ބުނެފި އެވެ.

އެ ކުންފުނިން އެހެން ބުނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެތައް ގުނައަކުން އުފުލުމާ ގުޅިގެން، ރާއްޖޭގައި ވެސް އަމިއްލަ ވިޔަފާރިތަކަށް އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު އިއްޔެ ބޮޑުކުރުމަށް ފަހު، އެ ނިންމުން ބަދަލުކޮށް ނެރުނު ބަޔާނެއްގަ އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި، ސަރުކާރުން މަސްވެރިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ 'ފަހިހަކަތަ' ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭ ވެސް އެއްގޮތަށް މިހާރު ދެމިއޮންނާނެ އެވެ.

"މާލެ ސަރަހައްދުގައި ހުންނަ އެފްއެސްއެމްގެ ފިއުލް ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އަދި އަތޮޅުތެރޭގައި އެސްޓީއޯ އިން ތެޔޮ ގަނެގެން ޝެޑްތައް ހިންގާ ފަރާތްތަކަށް ވެސް ކުރީގެ އަގުތަކުގައި ތެޔޮ ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ،" އެސްޓީއޯގެ ބަޔާނުގައި ބުންޏެވެ. 

އެ ކުންފުނިން ބުނީ، މިއީ އާންމު ރައްޔިތުންނަށް މާލީ ގޮތުން އިތުރު ތަކުލީފެއް ކުރިމަތިނުވާނެހެން ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅުތަކެއް ކަމަށެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ޑީސަލުގެ އަގު އިންތިހާ އަށް ބޮޑުވަމުން ދާތީ އެސްޓީއޯ އިން އާންމުންނަށް ވިއްކާ ތެލުގެ އަގު މި މަހުގެ ކުރީކޮޅު ބޮޑުކުރި ފަހުން އިތުރު ބަދަލެއް އަދި ގެނެސްފައެއް ނުވެ އެވެ.

އެހެންވެ، މާލެ ސަރަހައްދުގައި ޕެޓްރޯލް ލީޓަރެއް 16.01ރ. އަށް އަދި ޑީސަލް ލީޓަރެއް 17.54ރ. އަށް ލިބެ އެވެ.

ރާއްޖެއަށް ތެޔޮ އިމްޕޯޓްކުރަން ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެސްޓީއޯ މެދުވެރިކޮށް ސަރުކާރަށް ލިބޭނެ ކަމަށް ލަފާކުރާ ފައިދާ އިން ތެލުގެ އަގު ހިފަހައްޓަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ކުރިން ވިދާޅުވެފައި ވެ އެވެ. 

"އަޅުގަނޑުމެން މިހާރު މި ރޭވީ އެސްޓީއޯގެ ފައިދާގެ ތެރެއިން އެއް ބައި، މިސާލަކަށް ސަބްސިޑީ ސަރުކާރުން ދޭން. އޭގެ އިތުރުން އެސްޓީއޯގެ ފައިދާ މިސާލަކަށް އަޅުގަނޑުމެން އެންޓިސިޕޭޓް ކުރަނީ 1.5 ބިލިއަން ރުފިޔާ މި އަހަރު ލިބޭނެ ކަމަށް ވެއްޖެއްޔާ، އެ ފައިދާގެ ތެރެއިން ބައެއް ކްރޮސް ސަބްސިޑައިޒް ކޮށްގެން އެބްޒޯބް ކުރެވޭތޯ،" މި މަހުގެ 12 ވަނަ ދުވަހު ބޭއްވި މީޑިއާ ބްރީފިންގައި މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ. 

"އެންމެފަހުން އެސްޓީއޯ އިން ތެލުގެ އަގު ބޮޑުކުރި އިރު ވެސް ހަގީގަތުގައި މާކެޓަށް އައި ބަދަލެއް ނޫން ރިފްލެޓު ވާނީ. އެ އަށް ވުރެ ވަރަށް ކުޑަކޮށް، ބައެއް ބޭފުޅުންނަށް އޮޅިވަޑައިގެން އެ ވާހަކަ ދެއްކެވީ."

ޒަމީރު ވިދާޅުވި ގޮތުގައި، އެސްޓީއޯ އިން ބާޖަށް ތެޔޮ އަޅާއިރުގައި އަގު ހަދާފައި ހުންނަނީ 3-4 ދުވަހެއްގެ އެވްރެޖް އަގަށް ބަލައިގެންނެވެ. އެހެންވެ، ތެލުގެ އަގު ކަނޑައެޅުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި "ހަމަ ތިބެފައި އަގުބޮޑުކުރަނީއެއް ނޫން" ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖެއަކީ އެހެން ގައުމުތަކާ ތަފާތުކޮށް، އަބަދު ތެލުގެ އަގަށް ބަދަލު ގެންނަ ގައުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.