ރާއްޖެއަށް ތެޔޮ އިމްޕޯޓްކުރަން ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެސްޓީއޯ މެދުވެރިކޮށް ސަރުކާރަށް ލިބޭނެ ކަމަށް ލަފާކުރާ ފައިދާއިން ތެލުގެ އަގު ހިފަހައްޓަން ނިންމައިފި އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ހަނގުރާމައިގެ ދުވަސްވަރު ވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން އެއްވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި، އެންމެ އިސްކަމެއް ދީގެން ކުރާ ކަމަކީ ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑާއި ބޭސް އިމްޕޯޓް ކުރުމާއި ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ދޭންޖެހޭ ފައިސާ އެއްވެސް ދަތިކަމެއް ނެތި ފޯރުކޮށްދިނުން ކަމަށް ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގުޅިގެން ޓެކްނިކަލް ލެވަލްގައި ކޮމެޓީއެއް އުފައްދައިގެން، ހަނގުރާމައިގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް އަންނާނެ ލޮޅުންތައް ދިރާސާކޮށް ބަލަމުންދާ ކަމަށެވެ.
ރާއްޖެ އަންނަ ގިނަ ޓޫރިސްޓުންނަކީ މެދުއިރުމަތީގެ ގައުމުތަކުގައި ޓްރާންސިޓްވެފައި އަންނަ ޓޫރިސްޓުންނަށް ވުމާއެކު، އެ ހަނގުރާމައިގެ ސަބަބުން ރާޢްޖޭގެ އާމްދަނީއަށާއި އިގުތިސާދަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތެލާއި ގޭހަށް ބަލައިފި ކަމަށްވާނަމަ، އަޅުގަނޑުމެންނަށް އެއްވެސް ދަތިކަމެއް ނެތި އެބަހުއްޓޭ. އެކަމަކު ތެލުގެ އަގު ވަރަށް ބޮޑުތަނުން މައްޗަށް ގޮސްފި،" ޒަމީރު ވިދާޅުވި އެވެ.
"ރައީސްގެ ވިސްނުންފުޅު ހުރީ އާންމު ރައްޔިތުންނަށް މި ބާޑަން [އުނދަގޫ] ބޮޑުނުވާނެ ގޮތަކަށް ތެލުގެ އަގު ވެސް ގެންގުޅުމަށް. އެގޮތުން ބައެއް ވިޔަފާރިތަކަށް ވެސް ދަތިނުވާ ގޮތަށް ގެންދެވޭނެ ގޮތަކަށް."
ޒަމީރު ވިދާޅުވީ ތެޔޮ އިމްޕޯޓްކުރުމަށް ސަރުކާރުން އެސްޓީއޯއަށް ދޭ ސަބްސިޑީގެ އިތުރުން އެ ކުންފުނި މެދުވެރިކޮށް ސަރުކާރަށް ލިބޭ ފައިދާގެ ތެރެއިން ބައެއް ތެލަށް އިތުރަށް ކްރޮސް ސަބްސިޑައިޒްކުރަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މި ރޭވީ އެސްޓީއޯގެ ފައިދާގެ ތެރެއިން އެއް ބައި، މިސާލަކަށް ސަބްސިޑީ ސަރުކާރުން ދޭން. އޭގެ އިތުރުން އެސްޓީއޯގެ ފައިދާ މިސާލަކަށް އަޅުގަނޑުމެން އެންޓިސިޕޭޓްކުރަނީ 1.5 ބިލިއަން ރުފިޔާ މި އަހަރު ލިބޭނެ ކަމަށް ވެއްޖެއްޔާ، އެ ފައިދާގެ ތެރެއިން ބައެއް ކްރޮސް ސަބްސިޑައިޒްކޮށްގެން އެބްޒޯބްކުރެވޭތޯ،" އޭނާ ވިދާޅުވި އެވެ.
"އެންމެފަހުން އެސްޓީއޯ އިން ތެލުގެ އަގު ބޮޑުކުރި އިރު ވެސް ހަގީގަތުގައި މާކެޓަށް އައި ބަދަލެއް ނޫން ރިފްލެޓުވާނީ. އެއަށް ވުރެ ވަރަށް ކުޑަކޮށް، ބައެއް ބޭފުޅުންނަށް އޮޅިވަޑައިގެން އެ ވާހަކަ ދެއްކެވީ."
ޒަމީރު ވިދާޅުވީ އެސްޓީއޯ އިން ބާޖަށް ތެޔޮ އަޅާއިރުގައި އަގު ހަދާފައި ހުންނަނީ 3-4 ދުވަހެއްގެ އެވްރެޖް އަގަށް ބަލައިގެން ކަމަށެވެ. އެހެންވެ، ތެލުގެ އަގު ކަނޑައެޅުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި "ހަމަ ތިބެފައި އަގުބޮޑުކުރަނީއެއް ނޫން" ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖެއަކީ އެހެން ގައުމުތަކާ ތަފާތުކޮށް، އަބަދު ތެލުގެ އަގަށް ބަދަލު ގެންނަ ގައުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ތެޔޮ އިމްޕޯޓްކުރުމަށް އެކަށީގެންވާ މިންވަރުގެ ދެ ބޯޓު ވެސް އެސްޓީއޯގައި މިވަގުތު އެބައޮތެވެ.
"އަޅުގަނޑުމެން ނަސީބު ވަރަށް ރަނގަޅަށް މިފަހަރު މި ދިމާވީ، އިރާދަކުރެއްވިއްޔާ މިއަހަރު ފެށުނުއިރު އެސްޓީއޯ އިން ވެސް 24،500 މެޓްރިކް ޓަނުގެ އާ ބޯޓެއް ވެސް އެ އޮތީ ގަނެފައި މި އަހަރުގެ ޖެނުއަރީގެ ތެރޭގައި. އެހެންވީމަ، އަޅުގަނޑުމެންނަށް ބޭނުންވާ ތެޔޮ ހަމަ އަބަދުވެސް ޓްރާންސިޓުގައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.
އެސްޓީއޯގައި 22،000 މެޓްރިކް ޓަނުގެ އިތުރު ބޯޓެއް ވެސް އޮވެ އެވެ. އަދި އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އާންމުކޮށް ތެޔޮ ގެންނަނީ އޮމާނުންނެވެ.
ޒަމީރު ވިދާޅުވީ އޭގެ ތެރެއިން އެއް ބޯޓު ތެލުގެ އާ ޝިޕްމަންޓަކާ އެކު ކުރިއަށް އޮތް 4-5 ދުވަހުގެ ތެރޭގައި ރާއްޖެ އަންނާނެ އެވެ. އަދި ދެވަނަ ބޯޓަށް ތެޔޮ ބަރުކޮށްގެން ރާއްޖެ އަންނަން މިރޭ ދަތުރު ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.