މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓަށް ބުރޫއަރާފައިވާ މި ދަނޑިވަޅުގައި ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށާއި އެކަމާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެސްޓީއޯ އާއި ޕްރައިވެޓް ސެކްޓާ ހިމެނޭ ގޮތަށް ރާއްޖޭގައި ރައްކާކުރެވެނީ 70 މިލިއަން ލީޓަރުގެ ޑީސަލާއި 25 މިލިއަން ލީޓަރުގެ ޕެޓްރޯލް ކަމަށް އެ މަނިކުފާނަކަށް ލަފާކުރެއްވޭ ކަމަށެވެ. އަދި އެ އަދަދަކީ އެންމެ 20 ދުވަހުގެ ސްޓޮކް ކަމަށް ވެސް ވިދާޅުވި އެވެ.
"ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު." އެ ޕޯސްޓުގައި ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދު ވަނީ އެކަމާ ގުޅިގެން މިވަގުތު ރާއްޖެއިން އަޅަން ޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ބައެއް ފިޔަވަޅުތައް ވެސް ހިއްސާކުރައްވައިފަ އެވެ. އެއީ؛
- ރާއްޖޭގެ ޕްރައިވެޓް ސެކްޓާ ފިއުލް ސްޓޯރޭޖް ކެޕޭސިޓީ ދެނެގަތުން.
- ކަރަންޓު ކަނޑާ ވަގުތުތަކެއް ކަނޑައެޅުން.
- އެއްގަމު އުޅަނދުފަހަރު ދުއްވުން ކޮންޓްރޯލް ކުރުން.
- ސަރުކާރު އޮފީސްތަކާއި ސްކޫލުތައް ހުޅުވާ ވަގުތު މަދުކުރުން.
- އިޖުތިމާއީ ހަރަކާތްތައް މަދުކުރުން.
- މަސްވެރިކަމާއި ރިސޯޓުތަކަށް ތެޔޮ ކަށަވަރުކުރުން.
- އޭވިއޭޝަން ފިއުލް ކަށަވަރުކުރުން.
- އުޅަނގު އޭޝިއާ ހުރަސްކުރަން ނުޖެހޭ މަތިންދާބޯޓު އަދި ކަނޑުބޯޓު ފަހަރުގެ ރޫޓުތައް ހޯދައި ސަޕްލައި ލައިން ބަދަލުކުރުން.
އެފަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއިރު ބައެއް އެހެން ގައުމުތަކުގައި ވެސް އަންނަނީ ތެލުގެ ހަރަދު ކުޑަކުރުމަށް މިފަދަ ބައެއް ފިޔަވަޅުތައް އަޅަމުންނެވެ.
އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދޭން ފެށި ހަމަލާތަކާ އެކު އީރާންގެ ރައްދު ހަމަލާތަކުގައި ވަނީ ތެލުގެ ސަޕްލައިއަށް ބޮޑު ހުއްޓުމެއް ގެނުވައިފަ އެވެ.
މި ހަނގުރާމައާ ގުޅިގެން ދިވެހިންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް މަސައްކަތްކުރާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވީ މިވަގުތު ރާއްޖެ އަށް މައިގަނޑު ގޮތެއްގައި ތެޔޮ އިމްޕޯޓް ކުރަނީ މެދުއިރުމަތީގެ ގައުމުތަކުން ކަމަށެވެ. އަދި ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކުން ތެޔޮ ގެނައުމަށް ހުރި ދަތިތަކުގެ ސަބަބުން ތެޔޮ ލިބޭނެ އިތުރު މަގުތައް ހޯދުމަށް އެހެން ގައުމުތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަށް ބޭނުންވާ ތެޔޮ ހޯދުމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެދިފައިވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވެސް ވިދާޅުވެފައިވެ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 25-30 ޕަސެންޓަށް އުފުލިފައިވާ މި ދަނޑިވަޅުގައި، ތަކެތީގެ އަގަށް އަންނަ ބަދަލާ އެކު ސަރުކާރުން އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާނީ އެ އަންނަ ބަދަލުތަކަށް ރިއާޔަތް ކޮށްގެން ކަމަށް ދިވެހި ސަރުކާރުން ބުނެފައިވެ އެވެ.
ހަނގުރާމައިގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި ތެޔޮ ލިބޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.