ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން މިދިޔަ އަހަރު އަލަށް ފެށި ބަންކަރިން ހިދުމަތަށް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ. 

އެސްޓީއޯއިން އިއްޔެ އާއްމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓްގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި، މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ވިއްކި އަދަދަށް ވުރެ އިތުރަށް 18 މިލިއަން ލީޓަރު (113،216.6 ފީފާ) ތެޔޮ ވިއްކި އެވެ.  

ބަންކަރިން ވިޔަފާރިއަށް އެ ކުރިއެރުން ލިބުނު އިރު އެސްޓީއޯއަށް މި ކުއާޓާގައި ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ވެސް ތެޔޮ ވިއްކުމެވެ.

މެދުއިރުމަތީގެ ހަނގުރާމައާ އެކު ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގުބޮޑުވުމުން އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ވެސް ބޮޑުކުރި އެވެ. އެސްޓީއޯގެ ކުއާޓާލީ ރިޕޯޓްގައިވާ ގޮތުން ތެލުގެ އަގު ބޮޑުވުމުގެ އިތުރުން، ތެޔޮ ވިއްކުނު މިންވަރު ވެސް އިތުރުުވުމަކީ އެސްޓީއޯގެ އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. އެގޮތުން، އެ ކުންފުނިން ވިއްކި ތެލުގެ މިންވަރު މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު މި ކުއާޓާގައި ވަނީ 27 ޕަސެންޓް އިތުރުވެފަ އެވެ.

އެސްޓީއޯއިން އެ ކުއާޓާގައި 5.49 ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނުއިރު ފައިދާގެ ގޮތުގައި ލިބުނީ 785 މިލިއަން ރުފިޔާ އެވެ. ނަމަވެސް ހަރަދަށާއި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބުނީ 276 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު 13 ޕަސެންޓް އިތުރު މިންވަރެކެވެ.