އަމިއްލަ ވިޔަފާރިތަކަށް އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފި އެވެ. 

އެސްޓީއޯގެ ދަށުން ހިންގާ ތެޔޮ ކުންފުނި އެފްއެސްއެމްއިން ވިޔަފާރިތަކަށް ތެޔޮ ވިއްކަމުން ދަނީ ތެޔޮ އުފުލަން ޖެހޭ ދުރުމިނަށް ބަލައި އެކި ރޭޓުގަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެފައިވާ ގޮތުން އެ ސަރަހައްދުގެ ވިޔަފާރިތަކަށް އަންގާފައިވާ ގޮތުގައި މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 28.32ރ. އަށެވެ. އަދި ޕެޓްރޯލް އަގަކީ 27.13ރ. އެވެ.

ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވި ގޮތުގައި އެ ސިޓީގައި އަމިއްލަ ވިޔަފާރިތައް މެދުވެރިކޮށް ވިއްކާ ޕެޓްރޯލް ލީޓަރެއް މިހާރު ހުރީ 29.30ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ކުރިން 15.19ރ. އަށް ހުރިއިރު މިހާރު ހުރީ 29.51ރ. އަށެވެ.  

އައްޑޫ ސިޓީގައި ވެސް ތެލުގެ އަގު މިހާރު ވަނީ 29ރ. ބޮޑުވެފަ އެވެ. އެކަމާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އެ ބަދަލު ގެނައި ނަމަވެސް މާލެ ސަރަހައްދުގައި އެސްޓީއޯއިން އާންމުންނަށް ވިއްކާ ތެލުގެ އަގު މިމަހުގެ ކުރީކޮޅު ބޮޑުކުރި ފަހުން އިތުރު ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އެހެންވެ، މާލެ ސަރަހައްދުގައި ޕެޓްރޯލް ލީޓަރެއް 16.01ރ. އަށް އަދި ޑީސަލް ލީޓަރެއް 17.54ރ. އަށް ލިބެ އެވެ. 

ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ދެގުނަ ބޮޑުވެގެން ދިޔުމާ އެކު، އަތޮޅު ތެރޭގައި ތެލުގެ އަގު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. މީގެސަބަބުން އެތައް ހިދުމަތެއްގެ އަގު ވެސް ދަނީ ބޮޑުވަމުންނެވެ. 

އެގޮތުން، ބައެއް ސަރަހައްދުތަކުގެ ލޯންޗު ދަތުރުތަކުގެ އަގު މިއަދު ދެ ގުނައަށް އުފުލިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. 

އެސްޓީއޯއިން އަގަށް މި ބަދަލު ގެނައީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އެތައް ގުނައަކުން އުފުލުމާ ގުޅިގެންނެވެ.