އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ވަރަށް އަވަހަށް ނިމޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ ވިދާޅުވުމާ އެކު ތެލުގެ އަގަށް ބޮޑު ދަށްވުމެއް އަތުވެއްޖެ އެވެ.
ތެލުގެ ސަޕްލައި ތާށިވެ އަދި ހަނގުރާމަ ދިގުލައިގެންދާނެ ކަމުގެ އަލާމާތްތަކާ އެކު، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 119 ޑޮލަރުން މަތީގައި ހުރުމަށް ފަހު ޓްރަމްޕުގެ ވާހަކައާ އެކު އަންގާރަ ދުވަހު ވަނީ އަގުތައް 10 ޕަސެންޓް ދަށްވެ ފީފާއެއްގެ އަގު 84 ޑޮލަރަށް ވެސް ގޮސްފަ އެވެ.
އެކަމަކު އެމެރިކާގެ ތެލުގެ ބެންޗްމާކް ކަމަށްވާ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިޔުޓީއައި) ގައި މިއަދު ހެނދުނު ތެޔޮ ފީފާއެއްގެ އަގު ހުރީ 88.77 ޑޮލަރުގަ އެވެ. އެޓްލާންޓިކް އަދި ޔޫރަޕްގެ ތެލުގެ ބެންޗްމާކްގެ ގޮތުގައި ބަލާ ބްރެންޓްގައި 93.36 ގަ އެވެ. މިއީ ގާތްގަނޑަކަށް ހަ ޕަސެންޓުގެ ދަށްވުމެކެވެ.
ޓްރަމްޕު މިހެން ވިދާޅުވުމުގެ ކުރިން ވެސް ސަޕްލައިގެ ދަތިކަން ހައްލު ކުރުމަށް ރިޒާވް ސްޓޮކް ބޭނުންކުރުމާ ބެހޭ ގޮތުން ސިނާއީ ގައުމުތަކުގެ ޖަމިއްޔާ، ގްރޫޕް އޮފް ސެވަންގެ ފިނޭންސް މިނިސްޓަރުުން މަޝްވަރާއަށް ތައްޔާރުވާން ފެށުމާ އެކު ހޯމަ ދުވަހުން ފެށިގެން އަގު ވަނީ ދަށްވާން ފަށައިފަ އެވެ.
މީގެ އިތުރުން ތެލުގެ ވިޔަފާރީގައި ބައެއް ގައުމުތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހަނގުރާމައާ ގުޅިގެން އުވާލާނެ ކަމަށް ޓްރަމްޕު ވިދާޅުވެފައި ވާތީ އެކަމުގެ އަސަރު ވެސް ވަނީ ތެލުގެ މާކެޓަށް ކޮށްފަ އެވެ.
ތެޔޮ އުފައްދާ ގައުމުތަކުންގެ ތެރެއިން ފިޔަވަޅުތައް އަޅާފައިވާ ގައުމުތަކަށް ލުއިތައް ގެންނާނެ ކަމަށް އިއުލާނު ކުރި ނަމަވެސް، އެ ލުއިތައް ދޭނީ ކޮން ގައުމުތަކަކުން ކަމެއް އެމެރިކާއިން ހާމައެއް ނުކުރެ އެވެ. އެމެރިކާއިން ތެލުން ސެންކްޝަންސް ނުވަތަ ދަތިކުރުމުގެ ފިޔަވަޅުތައް މިހާތަނަށް އަޅާފައި ވަނީ ރަޝިއާ އާއި އީރާނާއި ވެނެޒުއޭލާއަށެވެ.
ރޮއިޓާސް ނިއުސް އޭޖެންސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާއިން އަންނަނީ ރަޝިއާއާ އެކު މި ކަމުގައި ވާހަކަ ދައްކައި ލުއިތައް ހޯދޭނެ ގޮތްތައް ބަލަމުންނެވެ.
ހަނގުރާމައާ ގުޅިގެން އިރާނުން ވަނީ ގަލްފް ގައުމުތަކުން ތެޔޮ ސަޕްލައި ކުރުމުގައި ބޭނުން ކުރާ މައި މަގު، ހޮރްމުޒް ޗެނަލް ބަންދުކޮށްފަ އެވެ. އެއާ އެކު ގައުމުތަކުން އަންނަނީ ތެޔޮ އުފައްދާ މިންވަރު މަދު ކުރަމުންނެވެ. އިޒްރޭލުން ވަނީ އިރާނުގެ ތެޔޮ އުފައްދާ ފެސިލިޓީތަކަށް އަމާޒުކޮށް ޑްރޯން ހަމަލާތައް ދީފަ އެވެ. އޭގެ ބަދަލުގައި އިރާނުން ވަނީ އެމެރިކާއާ ގާތް ގައުމުތައް ކަމަށްވާ ގަތަރާއި ސައުދީ އަރަބިއްޔާ އާއި ކުވައިތްގެ ތެލުގެ ސްޓޯރޭޖުތަކަށް އަމާޒުކޮށް ހަމަލާތައް ދީފަ އެވެ.
ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ތެލުގެ ސަޕްލައިއަށް ބުރޫ އަރާފައިވާ ނަމަ ތެޔޮ ފީފާއެއްގެ އަގު 150-200 ޑޮލަރާ ދެމެދުގެ އަގަކަށް އެރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.