ތެޔޮ ހޯދުމަށް ވަކި ގައުމަކަށް ބަރާސޯ ނުވެ، ރާއްޖެއަށް ތެޔޮ އިމްޕޯޓް ކުރެވޭނެ އިތުރު މަގުތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދިވެހިންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް މަސައްކަތްކުރާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވީ މިވަގުތު ރާއްޖެ އަށް މައިގަނޑު ގޮތެއްގައި ތެޔޮ އިމްޕޯޓް ކުރަނީ މެދުއިރުމަތީގެ ގައުމުތަކުން ކަމަށެވެ.
ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކުން ތެޔޮ ގެނައުމަށް ހުރި ދަތިތަކުގެ ސަބަބުން ތެޔޮ ލިބޭނެ އިތުރު މަގުތައް ހޯދުމަށް އެހެން ގައުމުތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އެއީ ސީދާ ކޮން ގައުމުތަކެއް ކަމެއް ހަލީލް ވިދާޅެއް ނުވެ އެވެ.
"ރާއްޖެއަށް ތެޔޮ ގެންނަނީ މެދުއިރުމަތިން މައިގަނޑު ގޮތެއްގައި ކަމަށް ވެފައި، މިވަގުތު އެ ސަރަހައްދު ބަންދުކޮށްފައި ވާތީ، ތެޔޮ ލިބޭނެ އިތުރު މަގުތައް ހޯދުމުގެ މަސައްކަތް އަވަށްޓެރި ގައުމުތަކާއި އަދި އެހެން ވެސް ގައުމުތަކުން ކަށަވަރު ކުރުމުގެ އިންތިޒާމުތައް ކުރަމުން ގެންދާކަން ތިބޭފުޅުންގެ މައުލޫމާތަކަށްޓަކާ ދަންނަވާލަން،" ހަލީލް ވިދާޅުވި އެވެ.
"މިއީ ވަކި ގައުމަކަށް ނުވަތަ މަދު ގައުމުތަކަށް ބަރޯސާވުމުގެ ބަދަލުގައި ތެޔޮ ހޯދުން ޑައިވާސިފައި ކުރުމަށް ކުރެވޭ މަސައްކަތެއް. ހާއްސަ ގޮތެއްގައި ދިގު މުއްދަތުގައި މަސައްކަތްތަކުގެ ތެރޭގައި ވަރަށް މުހިންމު ކަމެއްކަން އަޅުގަނޑު ފާހަގަކޮށްލަން."
ތެޔޮ ހޯދަން އިންޑިއާގައި އެދިފައިވޭ
ހަލީލް އެގޮތަށް ވިދާޅުވިއިރު، ރާއްޖެ އަށް ބޭނުންވާ ތެޔޮ ހޯދުމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެދިފައިވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގެ އިތުރުން ސްރީ ލަންކާ އާއި ބަންގްލަދޭޝް އިން ވެސް ތެޔޮ ހޯދުމަށް އިންޑިއާގައި އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 25-30 ޕަސެންޓަށް އުފުލިފައިވާ މި ދަނޑިވަޅުގައި، ތަކެތީގެ އަގަށް އަންނަ ބަދަލާ އެކު ސަރުކާރުން އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާނީ އެ އަންނަ ބަދަލުތަކަށް ރިއާޔަތް ކޮށްގެން ކަމަށް ދިވެހި ސަރުކާރުން ބުނެފައިވެ އެވެ.
"ތެލާއި ގޭހަށް ބަލައިފި ކަމަށްވާ ނަމަ، އަޅުގަނޑުމެންނަށް އެއްވެސް ދަތިކަމެއް ނެތި އެބަހުއްޓޭ. އެކަމަކު ތެލުގެ އަގު ވަރަށް ބޮޑުތަނުން މައްޗަށް ގޮސްފި،" ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.
"ރައީސްގެ ވިސްނުންފުޅު ހުރީ އާންމު ރައްޔިތުންނަށް މި ބާޑަން [އުނދަގޫ] ބޮޑުނުވާނެ ގޮތަކަށް ތެލުގެ އަގު ވެސް ގެންގުޅުމަށް. އެގޮތުން ބައެއް ވިޔަފާރިތަކަށް ވެސް ދަތިނުވާ ގޮތަށް ގެންދެވޭނެ ގޮތަކަށް."
ރާއްޖެ އެއްވެސް ދަތިކަމެއް ނެތި ތެޔޮ ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިދިޔަ ހަފުތާގައި ދެއްވާފައިވެ އެވެ.