އެމެރިކާ އާއި އިރުޒޭލުން އީރާނާށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީފައި ފެށިފައިވާ ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުމުން އެކަމަށް އިންކާރު ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ. 

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި ދެންމެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ހަލީލް ވިދާޅުވީ މި ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ސަރުކާރުން ނުދޭނެ ކަމަށެވެ. 

ހަލީލް ވިދާޅުވީ ސަރުކާރުން މިވަގުތު އެންމެ އިސްކަމެއް ދެނީ ރާއްޖޭގެ އަމާންކަމާއި އިގުތިސާދު ހިމާޔަތްކުރުމަށް ކަމަށެވެ. 

"އޭގެ ދަށުން ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް، އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ބޭނުންކުރެވިފައި ނުވާނެ ކަން އަޅުގަނޑު ހަމަ ދަންނަވާލަން. އަދި އެފަދަ އަންނަ ރިކުއެސްޓުތައް ވެސް އަޅުގަނޑުމެން ރިޖެކްޓު ކުރަމުންދާ ކަން ތިބޭފުޅުންގެ މައުލޫމާތަށްޓަކާ ދަންނަވާލަން،" ހަލީލް ވިދާޅުވި އެވެ.

ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން ހަމަލާ ބަދަލުކުރުމުގެ ހުއްދައެއް އެއްވެސް ގައުމަކަށް ނުދޭނެ ކަމަށް ހަލީލް ވިދާޅުވި އެވެ. 

ހަލީލް ވިދާޅުވި ގޮތުގައި، މި ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރާނެ އަސަރުތައް ކުޑަކޮށް، އެއްވެސް ދަތިކަމެއް ނެތި ކާބޯތަކެތި ލިބޭނެކަން ކަށަވަރުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. 

ތެޔޮ ލިބޭނެ އިތުރު މަގުތައް ބަލައި، ތެލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، އެއް ގައުމަކަށް ބަރޯސާވުމުގެ ބަދަލު އެކި ގައުމުތަކުން ތެޔޮ އިމްޕޯޓްކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

ހަލީލް ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ދުނިޔޭގެ އެކި ގައުމުތަކުގެ މާކެޓުތައް ބަލައިގެން، އިމްޕޯޓް ފުޅާކުރުމަށް ގައުމުތަކާ އެކު މަޝްވަރާކޮށް، ނޭޝަނަލް ފުޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. 

އޭނާ ވިދާޅުވީ މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން ރާއްޖެ އަންނަ ޓޫރިސްޓުން މައިގަނޑު ޓްރާންސިޓް ރޫޓުތައް ބަންދުވުމުގެ ސަބަބުން އާ ޓްރާންސިޓް ރޫޓުތައް ހޯދައި، އާ އެއާލައިންތަކާ އެކު މަޝްވަރާކޮށް، ފްލައިޓްތައް އިތުރު ކުރަމުން ވެސް އަންނަ ކަމަށެވެ. އަދި ކާގޯ ފްލައިޓްތައް އިތުރުކުރުމަށް ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

ހަލީލް ވިދާޅުވީ މެދުއިރުމަތީގެ ގައުމުތަކުގައި ތިބި ދިވެހިންގެ ހާލަތު ވެސް އެމްބަސީތައް މެދުވެރިކޮށް ސަރުކާރުން ބަލަމުން އަންނަ ކަމަށާއި އެ ގައުމުތަކުގެ ތިބި ގިނަ ބަޔަކު މިހާރު ވެސް އެމްބަސީތަކުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.