ދައުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 785 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.
އެސްޓީއޯގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ހިސާބުތަކުން ދެއްކި ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ޖުމްލަ އަމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބުނެވެ.
އެ ކުންފުނިން ބުނި ގޮތުގައި ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މައްޗަށް ދިއުމެވެ.
ތެލުގެ އަގު މައްޗަށް ދިއުމުން ބަންކަރިން ހިމެނޭ ގޮތަށް އެ ކުންފުނިން ވިއްކި ތެލުގެ އަދަދު މި ކުއާޓަރުގައި 27 ޕަސެންޓް އިތުރުވުމަކީ ވެސް އާމްދަނީ އިތުރުވި ސަބަބެކެވެ. އަދި އެ ކުންފުނީގެ އެހެން ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވުމަކީ އާމްދަނީ އިތުރުވި ސަބަބެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯގެ ހިސާބުތައް ދައްކާ ގޮތުން މި ކުއާޓަރުގައި އެ ކުންފުނީގެ ޖުމްލަ އާމްދަނީ އިތުރުވުމާ އެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 785 މިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ މީގެ ކުރީ ކުއާޓަރާ އަޅާބަލާ އިރު 17 ޕަސެންޓްގެ އިތުރުވުމެކެވެ.
އެސްޓީއޯގެ ހިންގުމުގެ ހަރަދު ނިސްބަތުން އިތުރުވި ނަމަވެސް ޖުމްލަ ފައިދާ އިތުރުވުމާ އެކު ހިންގުމުގެ ފައިދާ އޭގެ ކުރީ ކުއާޓަރާއި އަޅާ ބަލައި 14 ޕަސެންޓް އިތުރުވެ، 368 މިލިއަން ރުފިޔާ ވަނީ ލިބުނު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުމާ އެކު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 331 މިލިއަން ރުފިޔާ ލިބުނު ކަމަށް ވެސް އެސްޓީއޯއިން އާއްމުކުރި ހިސާބުތަކުން ދައްކަ އެވެ.
އެއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 20 ޕަސެންޓްގެ އިތުރުވުމެކެވެ.
ޓެކުހަށް ކެނޑުމަށް ފަހު، މި ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީީ 276 މިލިއަން ރުފިޔާ އެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާ މެދު ބަހައްޓާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވާ ކަމަށެވެ.