ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް)ގެ "އޯޕަން ޑޭ" ހަރަކާތް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ. 

ބެލެނިވެރިންނާއި ދަރިވަރުންނަށް ހުޅުވާލައިގެން ބާއްވާ މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު 4 އިން ރޭގަނޑު 9 އަށެވެ. ވީއައިއެޗްއެސްއިން ބުނީ މި ހަރަކާތުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް މުދައްރިސުންނާ ބައްދަލުކޮށް، ބޭނުންވާ މައުލޫމާތު އޮޅުން ފިލުވުމުގެ އިތުރުން، ސްކޫލުގެ ތައުލީމީ މާހައުލު ތަޖުރިބާކޮށް އިޖްތިމާއީ ހަރަކާތްތައް އަމިއްލައަށް ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. 

ވީއައިއެސްއެސް އަކީ މަތީ ސާނަވީ މަރުހަލާގައި އެންމެ ގިނަ މާއްދާތައް އިހުތިޔާރުކުރުމުގެ ފުރުސަތު ލިބެން އޮންނަ އެއް ސްކޫލެވެ. އެ ސްކޫލްގެ އޯޕަން ޑޭ ހަރަކާތުގައި ސްކޫލުގައި ހުރި ތައުލީމީ ފުރުސަތުތަކާއި، ބައިވެރިވެވޭނެ މާއްދާތަކުގެ ތަފްސީލުތަކާއި އެކި ފެކަލްޓީ މެމްބަރުންނާ ސުވާލުކުރުމުގެ ފުރުސަތާއި ދަރިވަރުންގެ ތައުލީމީ ފެންވަރު އިތުރުކުރުމަށް ސްކޫލުން ކުރާނެ މަސައްކަތްތަކުގެ މައުލޫމާތު ލިބޭނެ އެވެ. 

މި ހަރަކާތުގައި ސްކޫލުގެ އެކި މައުލޫމާތުތަކުގެ އިތުރުން ދަރިވަރުންނަށް ހާއްސަކޮށް މަޖާ އެކި ކުޅިވަރުތަކާއި ހަރަކާތްތައް ވެސް ކުރިއަށް ދާނެ އެވެ. މިއީ ދަރިވަރުންނަށް އެކަކު އަނެކަކާ ބައްދަލުވެ ގުޅުން ބަދަހިކުރުމަށް ވެސް ލިބޭނެ ފުރުސަތެއްގެ ގޮތުގައި އެ ސްކޫލުން ސިފަކުރެ އެވެ. 

މި ހަރަކާތުގައި އެ ސްކޫލުން ދޭ ސްކޮލަޝިޕް ފުރުސަތުތަކުގެ މައުލޫމާތު ވެސް ލިބެން ހުންނާނެ އެވެ. އެ ސްކޫލަކީ އޯލެވެލްގެ ގަދަ 10ގެ އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ އަށް ދާ ދަރިވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު ސްކޮލަޝިޕް މެދުވެރިކޮށް ހޯދައިދޭ ސްކޫލެކެވެ. 

މާދަމާ އޮންނަ އޯޕަން ޑޭ ހަރަކާތަކީ އެ ސްކޫލާ ގުޅެން ބޭނުންވާ ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިންނަށް މުހިންމު ގިނަ މައުލޫމާތުތަކެއް ލިބޭނެ ހަރަކާތެއް ކަމަށް ވީއައިއެޗްއެސްއިން ބުންޏެވެ.