މިދިޔަ އަހަރު މޯލްޑިވްސް އިސްލާމިކް ބޭންކަށް ލިބުނު ފައިދާއިން ހިއްސާއަކަށް 5.41ރ. ގެ މަގުން ބަހަން އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްފި އެވެ.
މިއީ ޖުމްލަ 129 މިލިއަން ރުފިޔާ އެވެ.
މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީން ތައްޔާރުކޮށްފައިވާ ފަހިވޯޓް ސިސްޓަމް މެދުވެރިކޮށް އޮންލައިންކޮށް ބޭއްވި މި ޖަލްސާގައި 57 ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ބައިވެރިވި އެވެ. އެއީ އެމްއައިބީގެ ހިއްސާގެ 79.74 ޕަސެންޓް ތަމްސީލުކުރާ މިންވަރެވެ.
މި ޖަލްސާގައި 2025 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް 100 ޕަސެންޓު ވޯޓުން ވަނީ ފާސްކޮށްފަ އެވެ. އަދި އެ ބެންކުގެ ޑިރެކްޓަރުންގެ ބޯޑުން 2025 ވަނަ އަހަރަށް، ކޮންމެ އާދައިގެ ހިއްސާއަކަށް ހުށަހެޅި 5.41ރ. ގެ ޑިވިޑެންޑް ބެހުމަށް 99.99 ޕަސެންޓް ވޯޓުން ވަނީ ފާސްކޮށްފަ އެވެ. މީގެ އިތުރުން ވެސް 2026 ވަނަ އަހަރު ބޭންކުގެ އެކްސްޓާނަލް އޮޑިޓަރުންގެ ގޮތުގައި އާންސްޓް އެންޑް ޔަން އައްޔަންކުރުން 99.95 ޕަސެންޓް މީހުންގެ ތާއީދާ އެކު ފާސްކުރި އެވެ.
އެމްއައިބީގެ 2025 ވަނަ އަހަރުގެ ޖުމްލަ އެސެޓް 1 ބިލިޔަން އެމެރިކާ ޑޮލަރުން މައްޗަށް ޖައްސައި ފާހަގަކޮށްލެވޭ ކުރިއެރުމެއް ވަނީ ހޯދައިފަ އެވެ. މިއީ އެންމެ 15 އަހަރު ކުރިން ރާއްޖެއަށް އިސްލާމިކް ބޭންކިން ތައާރަފުކުރި ވިޔަފާރިއެއްގެ ގޮތުގައި ފައިސާއިން އަދަދުކުރެވޭ ވަރަށްވުރެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ބޭންކުން ސިފަކުރެ އެވެ.