ރާއްޖޭގައި ފުޅާދާއިރާއެއްގައި ލޮލުގެ ފަރުވާގެ ހިދުމަތް ދެމުން އަންނަ އައިކެއާ އޮޕްޓިކަލްގެ 23 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން، އައިކެއާގެ ހުރިހާ އައުޓްލެޓްތަކުން ވިއްކާ ހުރިހާ ބްރޭންޑެއްގެ އައިނު ފްރޭމްތަކާއި އަވިއައިނުތަކަށް 23 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.
އައިކެއާގެ އަހަރީ ދުވަހާއި ގުޅިގެން އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު ޑރ. އަބްދުﷲ ޒާހިރު ވިދާޅުވީ، މީގެ 23 އަހަރު ކުރިން އައިކެއާ އުފެއްދީ މުޅި ރާއްޖޭގައި ފެންވަރު ރަނގަޅު ލޮލުގެ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ތަސައްވުރާއެކު ކަމަށެވެ. އަދި މިއަދު މިދެކޭ ކާމިޔާބީގެ އަސްލަކީ އައިކެއާގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތާއި، އައިކެއާގެ ހިދުމަތްތަކަށް ކަސްޓަމަރުންނާއި ޕާޓްނަރުން ކުރާ އިތުބާރުކަން ފާހަގަކުރައްވައި، އެ ފަރާތްތަކަށް ޑރ. ޒާހިރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ވޭތުވެދިޔަ 23 އަހަރުގެ ތެރޭގައި އައިކެއާ އިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހިދުމަތް ފުޅާކޮށް، ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ އާންމުންނާ ހަމައަށް ފޯރުކޮށްދެމުންނެވެ.
އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި މިހާރު ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އައިނުތައް ހެޔޮ އަގުގައި ލިބޭނެ އެވެ.