ޔޫޓީއޯ އެޑިއުކޮންސަލްޓް އިން އިންތިޒާމުކޮށްގެން މާލޭގައި ބޭއްވި 12 ވަނަ މޯލްޑިވްސް އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް އިންޑަސްޓްރީ (މިބްފީ) ކޮންފަރެންސް 2026 ގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ބައިވެރިވެއްޖެ އެވެ. 

"ރައިޒިންގް އަޕް ޓު ދަ ޗެލެންޖް"، މި ޝިއާރުގެ ދަށުން ޖެން ހޮޓަލުގައި ބޭއްވި މި ކޮންފަރެންސްގައި، އިސްލާމިކް ބޭންކިން އަދި ފައިނޭންސްގެ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުންނާއި އެއް ދުވަހުން އަނެއް ދުވަހަށް ޑިޖިޓަލްވަމުން އަދި ގުޅެމުންދާ ބައިނަލްއަގުވާމީ އިގްތިސާދެއްގައި އުފެދެމުންދާ ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި އެވެ.

އިސްލާމިކް ބޭންކިންގެ ދާއިރާގެ އިސްވެރިންނާއި ރެގިއުލޭޓަރުންނާއި މާލީ އިދާރާތަކާއި ދިރާސާވެރިންގެ އިތުރުން ދާއިރާގައި ހަރަކާތްތެރިވާ މުހިންމު ފަރާތްތަކުން އެ ކޮންފަރެންސްގައި ބައިވެރިވެ މަޝްވަރާކުރި އެވެ.

މި އަހަރުގެ މިބްފީ ކޮންފަރެންސް ބޭއްވީ ރާއްޖެއަށް އިސްލާމިކް ބޭންކިންގް ތައާރަފުކުރިތާ 15 އަހަރު ފުރުން ފާހަގަކުރި މުހިންމު މުނާސަބަތާ ދިމާކޮށެވެ. އެ ކޮންފަރެންސްގައި މިދިޔަ 15 އަހަރުގެ ތެރޭގައި މި ސިނާއަތަށް ލިބިފައިވާ ކުރިއެރުމާއި ކާމިޔާބީތައް މި ފާހަގަކުރި އެވެ. އޭގެ ތެރޭގައި ސޮވްރިން ސުކޫކް ކާމިޔާބުކަމާ އެކު ތައާރަފުކުރުމާއި ރާއްޖޭގައި ޝަރީއާ ހުއްދަ ކުރާ މާލީ ހިދުމަތްތައް ފުޅާވުން ވަނަ ކާމިޔާބީތައް ހިމެނެ އެވެ. 

ކޮންފަރެންސްގެ ބައިވެރިން ވަނީ މި ސިނާއަތުގެ މުސްތަގުބަލު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ މައިގަނޑު މައުލޫއުތަކަށް މަޝްވަރާކޮށްފަ އެވެ. އޭގެ ތެރޭގައި ފިންޓެކް، އާޓިފިޝަލް އިންޓެލިޖެންސް، ސޯޝަލް ފައިނޭންސް، ގާނޫނީ އިސްލާހުތައް އަދި ކެޕިޓަލް މާކެޓްތަކުގެ އިތުރުން އިސްލާމީ ބޭންކިންގް އަދި ފައިނޭންސްގެ ދާއިރާއަށް އަސަރުކުރާ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ކުރިއެރުންތައް ހިމެނެ އެވެ.

ކޮންފަރެންސްގެ އެންމެ ހާއްސަ އެއް ހަރަކާތެއްގެ ގޮތުގައި ކުރިއަށް ދިޔައީ އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު މުފައްދަލް އިދްރީސް ކުމްރީ ބައިވެރިވެވަޑައިގެންނެވި ފަޔާސައިޑް ޗެޓެވެ. މި ސެޝަންގައި އޭނާ ވަނީ މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އިސްލާމިކް ބޭންކިން ތަރައްގީވަމުން އައި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ދާއިރާއަށް ލިބުނު ކާމިޔާބީތަކާއި ކުރިމަތިވި ގޮންޖެހުންތަކާއި އަދި ކުރިއަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން ވާހަކަ ދައްކަވައިފަ އެވެ.

ޕެނަލް މަޝްވަރާތަކާއި ރާއްޖޭގެ އިސްލާމީ މާލީ ދާއިރާގެ މުސްތަގުބަލާ ބެހޭގޮތުން ހިޔާލު ބަދަލުކުރުމަށް މަގުފަހިކޮށްދިން ގިނަ ވާހަކަތަކެއް ދެއްކި އެ ހަރަކާތް ނިންމާލީ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމާއި މައުލޫމާތު ހިއްސާކުރުމަށް ބޭއްވުނު މިބްފީ ކުއިޒް މުބާރާތަކުންނެވެ. 

ކޮންފަރެންސްގައި އެމްއައިބީން ބައިވެރިވުމަކީ، މި ސިނާއަތުގެ މަޝްވަރާތައް ކުރިއެރުވުމަށާއި ދިވެހިރާއްޖޭގެ އިސްލާމީ ބޭންކިން އަދި ފައިނޭންސްގެ މުސްތަގުބަލު ބައްޓަންކުރުމަށް އެ ބޭންކުން ބަހައްޓާ އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމެއްގެ ގޮތުގައި އެ ބޭންކުން ސިފަކުރެ އެވެ.