ކޮމާޝަލް ބޭންކްތަކުން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރިތަކަށް ދޫކުރި ލޯނުގެ އަދަދު 10 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ބޭންކްތަކުން ދޫކުރި ލޯނުގެ އަދަދު ވަނީ ޖެނުއަރީ މަހާ އަޅާބަލާއިރު ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ އިތުރުވެފަ އެވެ. ޖެނުއަރީ މަހު ކޮންސްޓްރަކްޝަން ދާއިރާއަށް ދޫކުރި ލޯނުގެ އަދަދު ހުރީ ނުވަ ބިލިއަން ރުފިޔާގަ އެވެ.
މިދިޔަ އަހަރު ނިމުނު އިރު ކޮންސްޓްރަކްޝަން ދާއިރާއަށް ދޫކުރީ 8.8 ބިލިއަން ރުފިޔާގެ ލޯނެވެ. އެހެންވެ، މިއީ 14 ޕަސެންޓްގެ އިތުރުވުމެކެވެ. ވޭތުވެދިޔަ ފަސް އަހަރު ކޮންސްޓްރަކްޝަން ދާއިރާއަށް ދޫކުރި ލޯނުގެ އަދަދު ވަނީ ގާތްގަނޑަކަށް 40 ޕަސެންޓަށް އިތުރުވެފަ އެވެ.
އެމްއެމްއޭގެ ބިޒްނަސް ސާވޭއިން ދައްކާ ގޮތުން ވެސް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވެސް ކޮންސްޓްރަކްޝަން ދާއިރާ ވަނީ ކުރިއަރާ، ގިނަ ވަޒީފާތަކެއް އުފެދިފަ އެވެ.
ޓޫރިޒަމް ދާއިރާ ފިޔަވާ، ބޭންކްތަކުން އެންމެ ބޮޑު އަދަދެއްގެ ލޯނު ދޫކުރަނީ ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރިތަކަށެވެ.
މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް އެކި ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށް ބޭންކްތަކުން 51.7 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ. އެއީ ޖެނުއަރީ މަހަށް ވުރެ ހަ ޕަސެންޓްގެ އިތުރުވުމެކެވެ. ޖެނުއަރީ މަހު ބޭންކްތަކުން ދޫކުރި ލޯނުގެ އަދަދު ހުރީ 49 ބިލިއަން ރުފިޔާގަ އެވެ.