ރާއްޖޭގެ ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާއަށް ފައިސާ ދައްކަން ކާޑަށް ލިމިޓް ދޭން ނިންމާފައިވާ ކަމަށް ބީއެމްއެލް އިން މިއަދު ބުނެފި އެވެ.
"މި ބޭނުމަށް ދަރިވަރުންނަށް ބޭރު ފައިސާ ހަމަޖައްސައި ދިނުމަށް އެމްއެމްއޭގެ އެހީތެރިކަމާ އެކު ބޭންކުން މި ވަނީ މިއަދުން ފެށިގެން ހުރިހާ ދަރިވަރުންނަށް ވެސް، ވިސާ އަށް ފައިސާ ދެއްކުމަށް ބޭންކަށް އެދި ހުށަހެޅުމުން ކާޑަށް ލިމިޓް ދިނުމަށް ނިންމާފައި،" ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު ވިދާޅުވީ އެވެ.
މީގެ ކުރިން، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާއަށް ފައިސާ ދެއްކުމަށް ބީއެމްއެލް އިން ކާޑަަށް ލިމިޓް ދެމުން އައީ ކޮންމެ ކޭސްއެއް ވަކިން ބެލުމަށް ފަހު އެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތަކަށް ބޭނުންވާ ބޭރު ފައިސާ ފަސޭހަކަމާ އެކު ހަމަޖެއްސޭނެ އިންތިޒާމުތަކެއް ބޭންކުން ހަމަޖައްސައިދީފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
އޭގެ ތެރޭގައި، ބޭރު ފައިސާއިން މުއާމަލާތް ކުރުމަށް ރުފިޔާ ކާޑަށް ދަރިވަރުންނަށް މަހަކަށް 1،200 ޑޮލަރުގެ ލިމިޓެއް ވަނީ ކަނޑައަޅައިގަ އެވެ. އަދި މީގެ އިތުރުން ދަރިވަރުންގެ ނުވަތަ ބެލެނިވެރިޔާގެ ރުފިޔާ އެކައުންޓުން ޓިއުޝަން ފީ އާއި ތައުލީމާ ގުޅުންހުރި އެހެން ހަރަދުތަކަށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ފުރުސަތު ބޭންކުން ފަހިކޮށްދެ އެވެ.
ހަޔާ އެޑިއުކޭޝަން ގާއިމުކުރެވިފައިވާ ސްޓައިޕެންޑާއި ދަރިވަރުންގެ އެހެން ބޭނުންތަކަށް އަދަދު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ރުފިޔާ އެކައުންޓުން، ދަރިވަރުން ބޭރުގައި ބޭނުންކުރާ އެކައުންޓަށް ފައިސާ ލިބޭނެ އިންތިޒާމު ވެސް ބޭންކުން ހަމަޖައްސައިދީފައިވާ ކަމަށް ބުންޏެވެ. ބޭންކުން ބުނީ މިއީ ކިޔެވުމާއި ދިރިއުޅުމުގެ އެކި ކަންކަމަށް ބޭނުންވާ ފައިސާ މެދުނުކެނޑި ދަރިވަރުންނަށް ލިބޭނެ އިންތިޒާމެއް ކަމަށެވެ.
ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލް ދެމިއޮންނާނެކަމުގެ ޔަގީންކަން އެ ބޭނުން ވަނީ ދީފަ އެވެ.