އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026 އަށް ކުރިމަތިލުމުގެ ޝަރުތުތައް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިއުލާނުކޮށްފި އެވެ.

މި އެވޯޑަކީ ރާއްޖޭގެ ރަށްރަށުގައި ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށާއި، އެ ދާއިރާގައި ފާހަގަކޮށްލެވޭ ރަށު ފެންވަރުގެ ހިދުމަތްތެރިންނާއި، ގެސްޓްހައުސްތަކާއި، ރަށްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ތައާރަފް ކުރި އެވޯޑެކެވެ. މިއީ މިހާތަނަށް މި ދާއިރާއިން ރާއްޖޭގައި ދޭ ހަމައެކަނި އެވޯޑެވެ.

އެމްއައިބީން އިންތިޒާމުކުރާ މި އެވޯޑުގެ އިވޭލުއޭޝަން ކަންކަން މިނިވަންކަމާ އެކު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައި ވަނީ ކްރޯ މޯލްޑިވްސް އެޑްވައިޒަރީއާ އެވެ. މިއީ ގެސްޓްހައުސް އެސޯސިއޭޝަނުން ވެސް އެންޑޯސްކޮށްފައިވާ އެވޯޑެކެވެ. 

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ އެކި ސައިޒުތަކުގެ ގެސްޓް ހައުސްތަކުގެ މެދުގައި އިންސާފުވެރި އެވޯޑަކަށް ހެދުމުގެ ގޮތުން އެވޯޑުތައް ދިނުމަށް ހަމަޖެހިފައި ވަނީ ދެ ޓިއާ އަކަށް ބަހާލައިގެންނެވެ. އެގޮތުން ޓިއާ 1ގެ ގޮތުގައި ކަނޑައަޅާފައި ވަނީ 10 ކޮޓަރިއާ ހަމައަށް ހިމެނޭ ގެސްޓްހައުސްތަކެވެ. އަދި ޓިއާ 2ގެ ގޮތުގައި ކަނޑއަޅާފައި ވަނީ 11 ކޮޓަރިން ފެށިގެން މަތީގެ ގެސްޓްހައުސްތަކެވެ. 

މި ދެ ޓިއާއިން ވާދަކޮށް، އެވޯޑަށް ކުރިމަތިލެވޭ ޝަރުތުތައް މިއަދު އެ ބޭންކުން ވަނީ އިއުލާނުކޮށްފަ އެވެ. މި އެވޯޑަށް ކުރިމަތިލެވޭ ގެސްޓްހައުސްތަކަށް ކަނޑައަޅާފައިވާ ޝަރުތުތަކަކީ:

  • ރާއްޖޭގެ ކުންފުނިތަކާބެހޭ ގާނޫނުގެ ދަށުން ގާނޫނީގޮތުން ރަޖިސްޓްރީކޮށްފައިވާ ތަނަކަށްވުން.
  • ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ، ގެސްޓްހައުސް ހިންގުމުގެ ލައިސަންސެއް އޮތުން.
  • ގާނޫނީ ގޮތުން ބޭނުންވާ ލިޔެކިޔުންތައް (ޓެކްސް ކްލިއަރެންސް ސެޓްފިކެޓް، ޕެންޝަން ގާނޫނާ އެއްގޮތަށް ފައިސާ ދައްކާކަމުގެ ލިޔުން، އަދި ވަޒީފާއާބެހޭ ގާނޫނަށް ތަބާވާކަމުގެ ލިޔުންތައް) ހުށަހެޅުން.
  • އެޕްލިކޭޝަން ހުށަހަޅާ ތާރީހާ ހަމައަށް، މެދުކެނޑުމެއްނެތި މަދުވެގެން 12 މަސްދުވަހު ހިންގާފައިވާ އަދި މިހާރުވެސް އޮޕަރޭޓްކުރަމުން އަންނަ ތަނަކަށްވުން.
  • ބުކިންގް.ކޮމް، އެއާބީއެންބީ، އަގޯޑާ ނުވަތަ ޓްރިޕްއެޑްވައިޒާ ފަދަ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ އޮންލައިން ޓްރެވަލް ޕްލެޓްފޯމެއްގައި އެކްޓިވް ލިސްޓިންއެއް އޮތުން.

މި އެވޯޑުގައި މި ދާއިރާގެ ހިދުމަތްތެރިންނަށް ދޭ އެވޯޑުގައި ކުރިމަތިލެވޭނީ ހަމައެކަނި ދިވެހިންނަށެވެ. އަދި އެއޫ އެމްއައިބީ ނުވަތަ ކްރޯ މޯލްޑިވްސްއާ އެއްވެސް ކަހަލަ މަސްލަހަތު ފުށުއެރުމެއް އޮތް ފަރާތަކަށްވެގެން ނުވާނެ އެވެ. 

މި އެވޯޑުގައި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑް" އަށް ކުރިމަތިލެވޭނީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްތަކެއް ކުރަމުންދާ ރަށްރަށަށެވެ. އަދި އެޕްލިކޭޝަން ހުށަހަޅާއިރު، އެ ރަށެއްގައި އޮޕަރޭޓްކުރާ ގެސްޓްހައުސް ކޮޓަރީގެ ޖުމްލަ އަދަދު މަދުވެގެން 50 އަށް ވުރެ މަދުވެގެން ނުވާނެ އެވެ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026 ގައި ޖުމްލަ ތިން ކެޓަގަރީއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ކޮންމެ ޓިއާ އަކުން ގެސްޓްހައުސްތަކަށް ހާއްސަ 8 އެވޯޑާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އިންޑިވިޖުއަލް ތިން އެވޯޑްގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ރަށަށް ދޭ އެވޯޑެވެ. 

މި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލަނީ އަންނަ މަހުގެ 15ވަނަ ދުވަހު އެވެ.