ރާއްޖޭގައި އެކައުންޓިން ދާއިރާ ކުރިއަރުވަން އެލައިޑް އިންޝުއަރެންސާއި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ. 

އެލައިޑް އިންޝުއަރެންސް ކުންފުނީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެލައިޑުން ސޮއި ކުރެއްވީ ޗީފް ފައިނޭންޝަލް އޮފިސަރު އާދަމް އާތިފް އެވެ. ސީއޭ މޯލްޑިވްސް އިން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ އެވެ.

މި އެއްބަސްވުމުގެ ދަށުން، އެލައިޑް އިންޝުއަރެންސްގެ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް ވުމަށް ބާރު އަޅާނެ އެވެ. އަދި ދިވެހި މާކެޓާ ގުޅޭ ދިރާސާތައް ކުރުމާއި ގާބިލުކަން އިތުރުކުރުމުގެ ތަފާތު ޕްރޮގްރާމްތައް ދެ މުއައްސަސާ ގުޅިގެން ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

އެލައިންޑް އިންޝުއަރެންސުން ބުނީ އެކައުންޓިން ދާއިރާގެ ފަންނީ ތަރައްގީ އާއި މައުލޫމާތާއި ހުނަރު ދެ ފަރާތުން ބަދަލުކުރުމުގެ އިތުރުން ދާއިރާގެ ރިސާޗްތައް ކުރުމަށް ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދެ އިދާރާ ގުޅިގެން ގާބިލްކަން އިތުރުކުރުމާއި ޕްރޮފޮޝަނަލް ޑިވަލޮޕްމަންޓަށް ވެސް މަސައްކަތް ކުރާނެ އެވެ. 

އެލައިޑާއި ސީއޭ މޯލްޑިވްސްއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް ހާއްސަ އިނާޔަތްތަކެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެލައިޑް ތަކަފުލް އިން ސީއޭ މޯލްޑިވްސްގެ މެމްބަރުންނަށް ލައިސަންސް ހޯދުމަށް ބޭނުންވާ "ޕްރޮފެޝަނަލް އިންޑެމްނިޓީ ތަކާފުލް" ހާއްސަ އަގެއްގައި ލިބޭނެ އެވެ. އަދި ސީއޭ މޯލްޑިވްސްގެ މެންބަރުންނަށާއި ދާއިމީ މުވައްޒަފުންނަށް  ގްރޫޕް ޓާމް ލައިފް ތަކާފުލް" ހާއްސަ އުސޫލުތަކެއްގެ ސަށުން ލިބޭނެ އެވެ.

މި އެއްބަސްވުމަކީ އެލައިޑާ އެކު، ރާއްޖޭގެ އެކައުންޓިން ދާއިރާ އިތުރަށް ކުރިއަރުވަން ލިބޭނެ ފުރުސަތެއްކަން އެ ލައިޑުން ފާހަގަކުރި އެވެ.