އެލައިޑް އިންޝުއަރެންސަށް 11 ވަނަ އިސްލާމިކް ފައިނޭންސް ފޯރަމް ސައުތު އޭޝިއާ އެވޯޑްސް 2026 (އިފްސާ)ގައި ދެ އެވޯޑު ލިބިއްޖެ އެވެ.
އެ އެވޯޑު ހަފްލާގައި އެލައިޑުގެ އިސްލާމިކް ވިންޑޯ އެލައިޑް ތަކަފުލް އަށް އިސްލާމިކް ފައިނޭންސް އެންޓިޓީ އޮފް ދަ އިޔާ އެވޯޑާއި ކަމަނަ ތަކަފުލް އަށް އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓް އޮފް ދަ އިޔާގެ އެވޯޑު ވަނީ ލިބިފަ އެވެ.
އެލައިޑުން ބުނީ މިކާމިޔާބީ އަކީ މިދިޔަ އަހަރު އެ ކުންފުނީގެ މެނޭޖްމަންޓުން ތަކަފުލް ބިޒްނަސް އިތުރަށް ތަރައްގީކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން ލިބުނު ކާމިޔާބީއެއް ކަމަށެވެ.
އެ ކުންފުނިން ކޮންވެންޝަނަލް ލައިފް އިންޝުއަރެންސް ޕްރޮޑަކްޓުތައް ވިއްކުން ހުއްޓާލައި ލައިފް ޕްރޮޓެކްޝަން ސޮލިއުޝަންގެ ގޮތުގައި ފެމިލީ ތަކަފުލް ތައާރަފްކުރިކަން ފާހަގަކުރި އެވެ. އަދި އެ ކުންފުނީގެ ޑިޖިޓަލް ޗެނަލްތަކުގައި ތަކަފުލްއަށް ފޯކަސް އިތުރުކޮށް، އެލައިޑުގެ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ހަމައެކަނި ފެންނަން ހުންނާނެ އިންޝުއަރެންސް އޮޕްޝަންގެ ގޮތުގައި ތަކަފުލް އޮޕްޝަން ހަދާފައިވާ ކަމަށް ބުންޏެވެ.
އެލައިޑުން ބުނީ އެ މަސައްކަތްތަކުގެ އިތުރުން، ތަކަފުލް ޕްރޮމޯޓުކުރުމަށް ރާއްޖޭގެ ބޮޑެތި ރަށްތަކުގައި ފުޅާ ދާއިރާއެއްގައި މާކެޓިން ހަރަކާތްތަކާއި، ކަސްޓަމަރުން ހޭލުންތެރިކުރުވުމާއި، މުޖުތަމައު ބައިވެރިކޮށްގެން ހިންގި އެކި ހަރަކާތްތަކުގެ ސަބަބުން، 2024 އިން 2025 އަށް ތަކާފުލްގެ އާމްދަނީ އިތުރުވެފައިވާ ކަމަށެވެ.
އެލައިޑް ތަކާފުލް އަދި ކަމަނަ ތަކާފުލް ޕްރޮޑަކްޓްތަކަށް ލިބުނު އެ ދެ އެވޯޑަކީ ތަކާފުލްގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށާއި، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް އެލައިޑުން ދެމުންގެންދާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި އެލައިޑުން ސިފަ ކުރެ އެވެ.
މިއަހަރުގެ އިފްސާ އެވޯޑް ހަފްލާ އޮތީ މިދިޔަ އަންގާރަ ދުވަހު ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ޝަންގްރި-ލާ ގައެވެ. "ބިލްޑިން ލެގަސީސް" ޝިއާރުގެ ދަށުން ޔޫ.ޓީ.އޯ އެޑިއުކޮންސަލްޓުން އިންތިޒާމުކުރި މި އިވެންޓުގައި ދާއިރާގެ ފަންނީ ފަރާތްތަކާއި މާލީ އިދާރާތަކުގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުގެ މުހިންމު ހިއްސާދާރުން ވަނީ ބައިވެރިވެފައެވެ. އަދި އެ ހަފުލާގައި ދެކުނު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ބޭންކިން އަދި މާލީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތައް ވަނީ ފާހަގަކޮށްފަ އެވެ.