"އަވަސް" އާ ބައިވެރިވެގެން އުރީދޫގެ އެކްސްޕްރެސް ޝޮޕެއް ހުޅުވައި، އުރީދޫ މޯލްޑިވްސްއިން އިން ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދޭ ދާއިރާ އިތުރަށް ފުޅާކޮށްފި އެވެ.

އުރީދޫން ބުނީ މި ހިދުމަތާ އެކު، މާލޭގައި އުޅޭ ކަސްޓަމަރުންނަށް އުރީދޫގެ އާންމު ހިދުމަތްތައް ކުރިއަށްވުރެ އަވަހަށް އަދި ފަސޭހައިން ލިބޭނެ ކަމަށެވެ.

އެ އެކްސްޕްރެސް ޝޮޕް ރަސްމީކޮށް ހުޅުއްވައިދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަ އަދި ސީއީއޯ ޝާދީ ގަވާސްމީ އާއި އަވަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަ މުހައްމަދު ޔާނިއު ރަމީޒެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަ އަދި ސީއީއޯ ޝާދީ ގަވާސްމީ އާއި އަވަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަ މުހައްމަދު ޔާނިއު ރަމީޒް އެކްސްޕްރެސް ޝޮޕް ހުޅުއްވައިދެއްވަނީ. -- ފޮޓޯ: އުރީދޫ
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަ އަދި ސީއީއޯ ޝާދީ ގަވާސްމީ އާއި އަވަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަ މުހައްމަދު ޔާނިއު ރަމީޒް އެކްސްޕްރެސް ޝޮޕް ހުޅުއްވައިދެއްވަނީ. -- ފޮޓޯ: އުރީދޫ

މިއީ ޑިޖިޓަލް އަދި ފިޒިކަލް ހިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަ ހިދުމަތް ފޯރުކޮށްދިނުމަށް ދެ ކުންފުނިން ގުޅިގެން ކުރާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އުރީދޫން ބުންޏެވެ.

މި ޕާޓްނަޝިޕްގެ ދަށުން، އާ އެކްސްޕްރެސް ޝޮޕުންނާއި "އަވަސް އެޕް" މެދުވެރިކޮށް އުރީދޫގެ ހިދުމަތްތައް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ހޯދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އުރީދޫގެ ބިލް ދެއްކުމާއި، ރާސްޓަސް ކުރުމުގެ އިތުރުން އާ ސިމް ކާޑު ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް މިހާރު ކޮންމެ ތަނެއްގައި ތިބެގެން ވެސް ހިދުމަތް ހޯދުމުގެ ފުރުސަތު އޮންނާޏެ ކަމަށް އުރީދޫން ބުންޏެވެ.

މި ޕާޓްނަޝިޕާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަ ހުސައިން ނިޔާޒް ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ހިދުމަތްތައް ފަސޭހަކަމާ އެކު ލިބޭނެ ގޮތްތައް ފަހިކޮށްދިނުން ކަމަށެވެ.

އަވަސްއާ ގުޅިގެން އުރީދޫން ހުޅުވި ފިހާރަ. އެ ފިހާރައިން އުރީދޫގެ އާންމު ގިނަ ހިދުމަތްތަކެއް ލިބޭނެ. -- ފޮޓޯ: އުރީދޫ
އަވަސްއާ ގުޅިގެން އުރީދޫން ހުޅުވި ފިހާރަ. އެ ފިހާރައިން އުރީދޫގެ އާންމު ގިނަ ހިދުމަތްތަކެއް ލިބޭނެ. -- ފޮޓޯ: އުރީދޫ

"އަވަސްއާ އެކު ވެވުނު މި ބައިވެރިވުމުގެ ސަބަބުން، އަވަސް އެޕް މެދުވެރިކޮށް ލިބޭ ޑިޖިޓަލް ހިދުމަތްތަކުގެ ފަސޭހަކަމާއި، އާ އެކްސްޕްރެސް ޝޮޕުން ލިބޭ އަމަލީ އެހީތެރިކަން އެއްކޮށްލެވި، ކަސްޓަމަރުންނަށް ކުރިއަށްވުރެ ބޮޑު ފަސޭހައެއް ލިބިގެންދާނެ. ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި، މިފަދަ ބައިވެރިވުންތަކުގެ ސަބަބުން އާންމުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެފަރާތްތަކާ ހަމައަށް ފޯރުކޮށްދިނުމަށް ބޮޑު އެހީއަކަށްވޭ،" އޭނާ ވިދާޅުވި އެވެ.

އަވަސް މެދުވެރިކޮށް ހުޅުވި އުރީދޫ އެކްސްޕްރެސް ޝޮޕަކީ، ހިދުމަތް ދޭ ވަސީލަތްތައް ފުޅާކޮށް، ކަސްޓަމަރުންނަށް ފަސޭހައިން ގުޅުންބަދަހިކޮށް ތިބެވޭނެ ގޮތް ހެދުމަށް އުރީދޫ މޯލްޑިވްސްއިން ގެންގުޅޭ ފުޅާ ސްޓްރެޓެޖީގެ ބައެއް ކަމަށް އެ ކުންފުނިން ބުންޏެވެ.