އުރީދޫ މޯލްޑިވްސްގެ އަމާޒަކީ ދުނިޔޭގެ އެހެން ހިސާބުތަކުގައި ލިބޭ ހިދުމަތްތަކާއި ފުރުސަތުތައް ދިވެހިންނާ ހަމައަށް ގެނެސްދިނުން ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝާޑީ ގަވަސްމީ ވިދާޅުވެއްޖެ އެވެ.
އުރީދޫ އެމްފައިސާ މެދުވެރިކޮށް ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަން މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާޑީ ގަަވަސްމީ ވިދާޅުވީ އެ ކުންފުނިން ފާއިތުވި 20 އަހަރު ދުވަހު ދިވެހިންގެ ކަނެކްޓިވިޓީއަށް މުހިންމު ހިދުމަތްތަކާއި ޕްލެޓްފޯމްތައް ތައާރަފްކޮށްދިން ކަމަށެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި ދިރިއުޅޭ މީހުންނަށް ވެސް އެންމެ ފުރިހަމައަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވި އެވެ.
ސީއީއޯ ވިދާޅުވީ ޑިޖިޓަލް ރާއްޖެއަކަށް ދިއުމަށް ކުރާ ދަތުރުގައި ބައިވެރިވެ، ޑިޖިޓަލް ކުރިއެރުމަށް އެކި ފުރުސަތުތައް ފަހިކޮށްދިނުމަކީ އެ ކުންފުނީގެ ޒިންމާއެއް ކަމަށެވެ. އަދި މިއަދު ލޯންޗު ކުރި ހިދުމަތަކީ ދިވެހި ވިޔަފާރިތަކާއި ޒުވާނުންނާއި ދިވެހިން ބާރުވެރިކޮށް، އާ ފުރުސަތުތަކެއް ފަހި ކޮށްދޭނެ ހިދުމަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ ބައިނަލްއަގްވާމީ އެކި ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތުގައި އެ ކުންފުނިން ދެމި އޮންނާނެ ކަމަށް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި އުރީދޫ ގްރޫޕުގެ ރީޖަނަލް ސީއީއޯ އަލް ނައިމާ ވިދާޅުވީ ކަނެކްޓިވީއަކީ ހަމައެކަނި ޓެލެކޮމިއުނިކޭޝަނާއި ހިސާބުން ނިމޭ ހިދުމަތެއް ނޫން ކަމަށެވެ. އަދި ހަގީގީ ކަނެކްޓިވިޓީއަކީ ޑިޖިޓަލް ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕޭޕަލްއާއެކު ވިޔަފާރިތައް ބާރުކުރުވާނެ އާ މަގެއް ތަނަވަސްވެގެން ދާނެ ކަމަށެވެ. އަދި އެއީ ޒުވާން ހުނަރުވެރިން ބާރުކުރުވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ޕޭޕަލް ދެކުނު އޭޝިއާގެ ނައިބު ރައީސް އާމިރު ވިލިއާނީ ވެސް ވަނީ އެއީ ވިޔަފާރިތަކަށާއި ފްރީލާންސަރުންނަށް ގިނަ ފުރުސަތުތަކެއް ފަހިވާނެ ކަމެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. އަދި ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް އިތުބާރު ހިފޭ، ފައިސާގެ މުއާމަލާތްތައް ކުރެވޭ، ޑިޖިޓަލް ހިދުމަތްތައް މުހިންމު ކަމަށް އޭނާ ވެސް ވިދާޅުުވި އެވެ.
ޕޭޕަލްއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕޭމަންޓް ޕްލެޓްފޯމެވެ. އަދި އެ ހިދުމަތް ތައާރަފްވުމާ އެކު، ރާއްޖޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތްކުރާ ފްރީލާންސަރުންނަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރު ގައުމުތަކުން ފަސޭހަކަމާ އެކު ފައިސާ ލިބޭނެ މަގު ތަނަވަސްވާނެ އެވެ. އަދި އެއީ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދާއި ކްރިއޭޓިވް އިގްތިސާދު ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފާލަމެއްގެ ގޮތުގައި އުރީދޫން ފާހަގަކުރެ އެވެ.