އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް މިދިޔަ ހަފުތާގައި ތައާރަފްކުރި ޕޭޕަލް ހިދުމަތުން އުރީދޫން އެއްވެސް އިތުރު ފީއެއް ނުނަގާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. 

އުރީދޫން ބުނީ ޕޭޕަލް އެކައުންޓުގައި ހުންނަ ފައިސާ އެމް-ފައިސާ ވޮލެޓަށް ބަދަލުކުރާއިރު، އިތުރު ފީއެއް ނަގާތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ކަމަށެވެ.

މި ހިދުމަތް މިވަގުތު ހޯދަމުންދާ ކަސްޓަމަރުން އަތުން ހަމައެކަނި ނަގަނީ ޕޭޕަލް އިން ބޭނުންވާ ފީއެއް ކަމަށް އުރީދޫން ބުންޏެވެ. އެގޮތުން ކަސްޓަމަރުން ދައްކަން ޖެހޭނީ ޕޭޕަލް އިން ނަގާ 1.50 ޔޫއެސް ޑޮލަރުގެ އިތުރުން ޓްރާންސެކްޝަން ހަދާ އަދަދުގެ ދެ ޕަސެންޓަށް ވާ އަދަދެވެ. މިސާލަކަށް 100ރ. ލިބޭ ނަމަ ޕޭޕަލް އިން ފީގެ ގޮތުގައި 3.50 ޑޮލަރު ޗާޖު ކުރާނެ އެވެ. 

ޕޭޕަލް އިން ނަގާ ފީގެ އިތުރުން ކަސްޓަމަރުންގެ ޕޭޕަލް އެކައުންޓުގައި ހުންނަ ފައިސާ އެމް-ފައިސާ ވޮލެޓަށް ބަދަލުކުރުމުގެ ހިދުމަތަށް އުރީދޫން އިތުރު ޗާޖެއް ނުނަގާނެ ކަމަށް އެ އުރީދޫން ބުންޏެވެ. 

އުރީދޫން ބުނި ގޮތުގައި، ފްރީލާންސަރުންނާއި އަމިއްލަ ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ޕޭޕަލް އިން ނަގާ ފީ އެނގެން އޮތުމުން، ފައިސާގެ މުއާމަލާތްތަށް ކުރާއިރު، އެ ފަރާތްތަކަށް ޖުމްލަ ލިބޭނެ އަދަދު ހިސާބުކުރަން ފަސޭހަވާނެ އެވެ. 

ޕޭޕަލް ފަދަ ޕްލެޓްފޯމަކީ ގިނަ ބަޔަކު އިންތިޒާކުރި ކަމެއް ކަމަށާއި މިއީ ދިވެހިންނަށް ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި މިހާރަށް ވުރެ ބޮޑަށް ބައިވެރިވުން އިތުރުކުރެވޭނެ ކަމެއް ކަމަށް އުރީދޫން ފާހަގަކުރި އެވެ. އަދި މިއީ ރާއްޖޭގެ ބޯޑަރުން ބޭރުގެ ގިނަ ފުރުސަތުތަކަށް ދޮރު ހުޅުވޭނެ ކަމެއް ކަމަށް ވެސް ބުންޏެވެ.

އުރީދޫން ބުނީ އިތުރު ޓްރާންސްފާ ފީއެއް ނުނަގައި، އުރީދޫން އެހީތެރިވެދެނީ ބައިނަލްއަގުވާމީ ބާޒާރުތަކަށް ވަނުމަށާއި ބޭރުން ފައިސާ ހޯދުމަށް މަސައްކަތްކުރާ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ހުރި ހުރަސްތައް ކުޑަކޮށްދިނުމަށް ކަމަށެވެ.