މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުން ކުރި ހަރަދުތައް 1.3 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭގެ ކުއާޓާލީ ރިޕޯޓުން ދައްކާ ގޮތުން، ދައުލަތުގެ ހަރަދުތައް ވަނީ މިދިޔަ އަހަރަށް ވުރެ 44 ޕަސެންޓަށް އިތުރުވެފަ އެވެ.

ހަރަދުތައް އެހާ ބޮޑަށް އިތުރުވީ، ދައުލަތުގެ ހިންގުމުގެ ހަރަދުތައް ބޮޑުވެ، ރިކަރަންޓް ހަރަދު އިތުރުވުމުގެ ސަބަބުންނެވެ. އެގޮތުން ރިކަރަންޓް ހަރަދަށް ވަނީ 1.1 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.

އެ މުއްދަތުގައި ރިކަރަންޓް ހަރަދުގެ އިތުރަށް ކެޕިޓަލް ހަރަދު ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން ހިސާބުތަކުން ދައްކާ ގޮތުން ކެޕިޓަލް ހަރަދަށް ވަނީ 190 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

ދައުލަތުގެ ހަރަދުތައް އިތުރުވި ނަަމަވެސް، ދައުލަތުގެ ދަރަންޏަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. އަދި ސަރުކާރުގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން ދައުލަތުގެ ދަރަނި މިއަހަރުގެ ފުރަތަމަ ކުއާޓާއާ ހަމައަށް ހުރީ 135 ބިލިއަން ރުފިޔާގަ އެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 110 ޕަސެންޓެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 113 ޕަސެންޓްގަ އެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ދަށްވި ނަމަވެސް، ޖުމްލަ ދަރަންޏަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. އަދި ދަރަނި އިތުރުވެފައިވަނީ ޑޮމެސްޓިކް ދަރަނި ނުވަތަ ޓީބިލާއި ބޮންޑް ގަނެފައިވާ މިންވަރު އިތުރުވުމުގެ ސަބަބުންނެވެ.

ދައުލަތުގެ ހަރަދުތައް އިތުރުވިއިރު އާމްދަނީ ވަނީ ވެސް 15 ޕަސެންޓަށް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ މިއަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ 457 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.