މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ފައިސާރިމިޓް މެދުވެރިކޮށް ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހުންނަށް 10,000ރ. ލިބޭ "ފައިސާރިމިޓް ހޯމް ކޭމްޕޭން 2026" ފަށައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަންނަ ނޮވެމްބަރު 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން ފައިސާ ފޮނުވޭނީ އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް، ނޭޕާލް، އަދި ފިލިޕީންސް އެވެ.

އެމްއައިބީ އިން ބުނީ އެ ކޭމްޕޭން ނިމުމުން، ކަނޑައެޅިފައިވާ ކޮންމެ ގައުމަކަށް ފައިސާ ފޮނުވި ކަސްޓަމަރުންގެ ތެރެއިން ކޮންމެ ގައުމަކަށް ގުރުއަތުން އެއް ނަސީބުވެރިޔަކު ހޮވާނެ ކަމަށެވެ. އެހެންވެ ފަސް މީހަކަށް ކޮންމެ ފަރާތަކަށް 10,000ރ. އިނާމެއް ލިބޭނެ އެވެ.

މި ކޭމްޕޭންގައި ބައިވެރިވުމަށްޓަކައި ވަކިން ރަޖިސްޓަރީވާކަށް ނުޖެހޭނެ އެވެ. އަދި އިތުރު ފީއެއް ދައްކާކަށް ވެސް ނުޖެހޭނެ އެވެ.

ކޭމްޕޭން މުއްދަތުގައި އެކްޓިވް އެމްއައިބީގެ ރުފިޔާ އެކައުންޓަކުން، ކަނޑައެޅިފައިވާ ގައުމަކަށް ފައިސާރިމިޓް މެދުވެރިކޮށް ޓްރާންސްފާއެއް ކުރުމުން އޮޓޮމެޓިކުން ގުރުއަތުގައި ބައިވެރިވެވޭނެ ކަމަށް އެމްއައިބީއިން ބުންޏެވެ.

އެ ބޭންކުން ބުނި ގޮތުގައި، އެކި ގައުމުތަކަށް ފައިސާ ފޮނުވައިގެން ގިނަ ގައުމުތަކުގެ ގުރުއަތުގައި ބައިވެރިވެވުނު ކަމުގައިވިޔަސް، މުޅި ކޭމްޕޭންގައި އެކަކަށް ލިބޭނީ އެންމެ އިނާމެކެވެ.

ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވަނީ މުޅި ކެމްޕޭން ނިމުމުން ޝަރުތުހަމަވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތަކުންނެވެ. އެމްއައިބީ އިން ނިންމާފައި ވަނީ އެ ބޭންކުގައި ރަޖިސްޓަރީ ކޮށްފައިވާ މައުލޫމާތު މެދުވެރިކޮށް ނަސީބުވެރިންނަށް ގުޅައި، އިނާމު ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދާށެވެ.