އުރީދޫ މޯލްޑިވްސް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ބޭއްވި އުރީދޫ މަސްރޭހުގެ ޗެމްޕިއަންކަން "ޓީމް އެންޒީ" އިން ހޯދައިފި އެވެ.
ކ. މާފުށީގައި 14 ޓީމަކާ އެކު ކުރިއަށް ދިޔަ އެ މުބާރާތުގެ ޗެމްޕިއަންކަން އެންޒީން ހޯދީ 923 ޕޮއިންޓާ އެކު އެވެ. އެ މުބާރާތުގެ ދެ ޓީމަކަށް 606 ޕޮއިންޓާ އެކު ހޮވުނީ ސްޓެލްކޯ މޭން އެވެ. އަދި ތިން ވަނަ އަށް 598 ޕޮއިންޓާ އެކު ކާމިޔާބުކުރީ އޭވިއަން އެވެ.
ކޮންމެ އަހަރަކު ވެސް ފައިސާގެ ބޮޑެތި އިނާމުތަކެއް ހުށަހަޅައިގެން އުރީދޫން ކުރިއަށް ގެންދާ މަސްރޭހުގެ މިއަހަރުގެ މުބާރާތަށް ޖުމްލަ 43،000ރ. ހުށައެޅި އެވެ. ޗެމްޕިއަން ޓީމަށް 25،000ރ. ، ދެވަނަ ޓީމަށް 10،000ރ. އަދި ތިން ވަނަ ޓީމަށް 5000ރ. ގެ ފައިސާގެ އިނާމު އުރީދޫން ދިނެވެ.
އޭގެ އިތުރުން އެންމެ މޮޅު އަންހެން މަސްވެރިޔާއަށް ހޮވުނު ޝަހީދާ މުހައްމަދު އާއި އެންމެ މޮޅު ފިރިހެން މަސްވެރިޔާއަށް ހޮވުނު އިސްހާގު މުހައްމަދު އަށް 1،000ރ. އަދި އޯޝަން އެކްސްގެ ފަރާތުން ހުށަހެޅި ލައިޓް ކާސްޓިން ކޮމްބޯ ސެޓަޕް ވަނީ ދީފަ އެވެ. އަދި އެންމެ ބަރު މަސް ބޭނި ބައިވެރިޔާއަށް ވެސް 1،000ރ. ގެ ފައިސާގެ އިނާމެއް ވަނީ ދީފަ އެވެ.
އުރީދޫ މަސް ރޭހަކީ ދިވެހިންގެ މެދުގައި މަސްވެރިކަމަށް އޮންނަ ރޫހު ދިރުވައި، ޒުވާނުންގެ މެދުގައި އެކަމަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށް، އެއްބައިވަންތަކަމުގެ ރޫހު ކުރިއެރުވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. ކޮންމެ އަހަރަކު ވެސް އުރީދޫން މި މުބާރާތް ބާއްވާ އިރު، ކޮންމެ އަހަރަކު ވެސް މި މުބާރާތަށް ހޫނު ތަރުހީބެއް ލިބޭކަން އެ ކުންފުނިން ފާހަގަކުރެ އެވެ.