ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންޓަނޭޝަނަލް އީ-ކޮމާސް މުއާމަލާތްތަކަށް ރުފިޔާ ކާޑު ބޭނުންކޮށްގެން ކޮންމެ ދުވަހަކަށް ކުރެވޭނެ ލިމިޓްތަކެއް ކަނޑައަޅައިފި އެވެ.
މިއީ މަހެއްގެ މައްޗަށް ޖުމްލަ 16 މިލިއަން ޑޮލަރާ ހަމައަށް ކެޓަގަރީތަކަކަށް ބަހާލައިގެން ގެނައި ބަދަލެއް ކަމަށް އެ ބޭންކުން މިއަދު ބުންޏެވެ.
ބީއެމްއެލް އިން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ކޮންމެ ދުވަހެއްގެ ވެސް ކެޓަގަރީ ލިމިޓްތައް ހެނދުނު 7:00 ގައި އައު ވަމުން ނުވަތަ "ރިސެޓް" ކުރާނެ އެވެ. ވަކި ދުވަހެއްގައި ކެޓަގަރީ ނުވަތަ މާޗަންޓް ލިމިޓް ހަމަވެއްޖެ ނަމަ ކަސްޓަމަރުންނަށް އިހުތިޔާރުތަކެއް ލިބެ އެވެ. އެއީ:
- ޖެހިގެން އަންނަ ދުވަހު އަލުން މުއާމަލާތް ކުރުމަށް މަސައްކަތްކުރުން.
- ޑޮލަރު ކާޑެއް އޮތް ނަމަ އެ ކާޑު ބޭނުންކުރުމުން މުއާމަލާތް ފުރިހަމަވާނެ.
ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ ބޭންކު، ބީއެމްެއެލް އިން މިހާރު ވެސް ކަސްޓަމަރުންގެ ބޭރު ފައިސާގެ ބޭނުންތަކަށް [ރުފިޔާ ކާޑުން ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކާއި އީ-ކޮމާސް، ސިއްހީ، ތައުލީމީ، ދަތުރުފަތުރު އަދި ޓީޓީ ފޮނުވުން ހިމެނޭހެން) މަހަކު އެވްރެޖްކޮށް 81.6 މިލިއަން ޑޮލަރު ފޯރުކޮށްދެމުން އަންނަ ކަމަށް ބުނެ އެވެ. މި އަހަރަށް އެކަނި ބަލާ ނަމަ އެއީ މިހާތަނަށް ޖުމްލަ 653 މިލިއަން ޑޮލަރެވެ.
އީ-ކޮމާސް މުއާމަލާތްތަކަށް ޑޮލަރު ކަނޑައެޅި ގޮތް
މަހެއްގެ މައްޗަށް އީ-ކޮމާސް އަށް ކަނޑައަޅާފައިވާ ޖުމުލަ އަދަދު: 16 މިލިއަން ޑޮލަރު.
1. އެންމެ ގިނައިން ބޭނުންކުރާ އީ-ކޮމާސް މާޗަންޓުން (އެންމެ ގިނައިން ބޭނުންކުރާ 150 ޕްލެޓްފޯމް، މިސާލަކަށް: Temu, Alibaba, Apple, Amazon) ތިން މިލިއަން ޑޮލަރު (ގާތްގަނޑަކަށް ދުވާލަކު 100,000 ޑޮލަރު) މީގެ ތެރޭގައި ތައުލީމީ، ސިއްހީ، ދަތުރުފަތުރު އަދި އެހެނިހެން ޒަރޫރީ ހިދުމަތްތަކެއް ނުހިމެނޭނެ.
2. ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް (Meta/Facebook, Instagram, TikTok ހިމެނޭހެން) 1.5 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ދުވާލަކު 50,000 ޑޮލަރު) މިއީ މިހާރު ކަސްޓަމަރުން ބޭނުންކުރާ މިންވަރަށް ބަލައި ކަނޑައެޅިފައިވާ އަދަދެއް.
3. ދަތުރުފަތުރާއި ހުރުން (ފްލައިޓް ޓިކެޓާއި ހޮޓެލް ބުކިން) މިއީ ހަ މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް ދުވާލަކު 200,000 ޑޮލަރު. އެހެން މީހުންގެ ބަދަލުގައި ބުކިން ހެދުން ހުއްޓުވުމަށާއި ޒާތީ ދަތުރުތަކަށް ފުރުސަތު ދިނުމަށް ކޮންމެ ކަސްޓަމަރަކަށް ތިން މަހުން ތިން މުއާމަލާތް ވަނީ ކަނޑައަޅާފައި.
4. މުހިންމު ސަބްސްކްރިޕްޝަންތަކާއި އެހެނިހެން ޒަރޫރީ ހިދުމަތްތަކަށް ތިން މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް ދުވާލަކު 100,000 ޑޮލަރު. މީގެ ތެރޭގައި ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ހިދުމަތްތައް ހިމެނޭ.
5. އެހެނިހެން ހުރިހާ ވިޔަފާރިތައް (އިތުރު އީ-ކޮމާސް މުއާމަލާތްތައް) 1.8 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް ދުވާލަކު 60,000 ޑޮލަރު. މިއީ މުހިންމު ނޫން ނުވަތަ އިހުތިޔާރީ ހަރަދުތައް މެނޭޖް ކުރުމަށް ކަނޑައެޅި އަދަދެއް.
6. ސިއްހީ އަދި ތައުލީމީ ހަރަދުތައް: މިފަދަ ހަރަދުތަކަށް މާޗަންޓް ނުވަތަ ކެޓަގަރީ ލިމިޓެއް ނޯންނާނެ. މި ހިދުމަތްތަކަށް މެދުނުކެނޑި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މަތީގައިވާ ކެޓަގަރީތަކުގެ ބޭރުން ވަކި ބަޖެޓެއް (buffer) ބޭންކުން ދަމަހައްޓާނެ.
ބީއެމްއެލް އިން ބުނި ގޮތުގައި، އީ-ކޮމާސް މުއާމަލާތްތަކަށް އަލަށް ކަނޑައެޅި ލިމިޓްތަކަކީ އެ ބޭންކުގެ ލިކުއިޑިޓީ މެނޭޖްކުރުމަށް އެޅި ފިޔަވަޅެކެވެ.
"މިއީ ބޭންކުން ކަސްޓަމަރުންނަށް ޑޮލަރު ފޯރުކޮށްދެމުން އަންނަ ނިސްބަތަށް އައި އުނިކަމެއް ނޫނެވެ،" ބީއެމްއެލް އިން ލިޔުމުން މީޑިއާއާ ހިއްސާކުރި ލިޔުމުގައި ވެ އެވެ.
ބަދަލު ގެންނަން ޖެހުނީ ކީއްވެ؟
ބީއެމްއެލްގެ ރުފިޔާ ކާޑު މެދުވެރިކޮށް 40,000 އަށް ވުރެ ގިނަ އިންޓަނޭޝަނަލް އީ-ކޮމާސް ޕްލެޓްފޯމްތަކުން ވިޔަފާރިކުރެވެ އެވެ.
މި އަހަރުގެ ތެރޭގައި މިފަދަ މުއާމަލާތްތަކުގެ އަދަދު ދުވާލަކު އެވްރެޖްކޮށް 20,000 އަށް ވުރެ މަތިވެފައިވާ ކަމަށް އެ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
"މި މުއާމަލާތްތައް ސެޓްލް ކުރުމަށް ބޭނުންވާ ޑޮލަރުގެ ޑިމާންޑް، ބޭންކަށް ލިބެން ހުރި ޑޮލަރަށް ވުރެ ބޮޑުތަނުން ވަނީ އިތުރުވެފަ އެވެ،" ބީއެމްއެލް އިން ބުންޏެވެ.
"މީގެ ސަބަބުން ޑޮލަރުން ދޭންޖެހޭ އެހެނިހެން މުހިންމު ހިދުމަތްތަކަށް، ހާއްސަކޮށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވުމަށް ދަތިތަކާ ކުރިމަތިވެ، ކަސްޓަމަރުންގެ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ."
ބީއެމްއެ އިން ބުނި ގޮތުގައި އެ ސަބަބުތަކަށްޠަކައި، މި ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށާއި މުހިންމު ބޭނުންތަކަށް އިސްކަންދިނުމުގެ ގޮތުން، އީ-ކޮމާސް ވިޔަފާރިތަކަށް ކޮންމެ ދުވަހަކު އަދި ކެޓަގަރީއަށް ބިނާކޮށް ލިމިޓްތަކެއް ކަނޑައެޅީ އެވެ.
ބީއެމްއެލް އިން ނިންމާފައިވާ ވަނީ އެ ލިމިޓްތައް ދޭތެރެދޭތެރެއިން މުރާޖައާ ކުރާށެވެ.