ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވަން ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ޑޮލަރުގެ ރޭޓު ކުރީގައި ހުރި ވަރަށް މިހާރު ދަށްވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ސައީދު ވިދާޅުވީ، މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓާ ހިލާފަށް އަގުބޮޑުކޮށް ޑޮލަރު ވިއްކާ މައްސަލަ ހައްލުކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، މި ސަރުކާރު ހަވާލުވިއިރު ހުރި މިންވަރަށް ޑޮލަރުގެ ރޭޓު ދަށްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވިއިރު ހުރި ރޭޓަށް ވުރެ ދަށަށް [ޑޮލަރު ރޭޓް] ގޮސްފި ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ. މާނައަކީ ނިމިދިޔަ ސަރުކާރުން އަޅުގަނޑުމެން ސަރުކާރު، އެއީ 17 ނޮވެމްބަރު 2023 އައި އިރު ހުރި ރޭޓަށް، ސްލައިޓްލީ އެ ބޭންޑަށް [ޑޮލަރު ރޭޓު] އުޅޭ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ،" ސައީދު ވިދާޅުވި އެވެ.
"އެއީ ވަރަށް ބޮޑު ކުރިއެރުމެއް."
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ޑޮލަރެއްގެ އަގު ހުރީ 17ރ. ގަ އެވެ. ނަމަވެސް، އެ އަގު ބޮޑުވަމުން ގޮސް، އާއްމުންގެ ކަންބޮޑުވުންތައް އިތުރުވި އެވެ.
ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވަން ސަރުކާރުން ޓާސްޓު ފޯހެއް ކަނޑައަޅައި އެ މަސައްކަތް ފެށިއިރު، އެ ރޭޓު ހުރީ 23ރ. ގަ އެވެ.
ނަމަވެސް، މިހާރު ޑޮލަރުގެ ރޭޓު މިހާރު ވަނީ ދަށަށް ދާން ފަށައިފަ އެވެ.