މިއަހަރުގެ ދެވަނަ ކުއާޓާގައި ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ ހަ ޕަސެންޓަށް ދަށް ކަމަށް ޓެކްސް އިދާރާ، މީރާގެ ހިސާބުތަކުން ދައްކައިފި އެވެ. 

މީރާއިން އާންމުކުރި ދެވަނަ ކުއާޓާގެ ރިޕޯޓުގައިވާ ގޮތުން އޭޕްރީލް އަދި މެއި މަހު ވެސް ޑޮލަރުން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އޭޕްރީލް މަހުގެ ޑޮލަރުން ލިބުނު އާމްދަނީ ފަސް ޕަސެންޓް ދަށްވި އިރު މެއި މަހު ޑޮލަރުން ލިބުނު އާމްދަނީ ވަނީ 15 ޕަސެންޓް ދަށްވެފަ އެވެ.

ދެވަނަ ކުއާޓާގައި 328 މިލިއަން ޑޮލަރު ލިބުނު އިރު މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި 350 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. 

ޑޮލަރުން ލިބުނު އާމްދަނީ ދަށްވީ، މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ޓޫރިސްޓުންގެ އަދަދު މަދުވެ، ޓޫރިޒަމް ދާއިރާއަށް ވަންނަ އާމްދަނީ ދަށްވުމުގެ ސަބަބުންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ 3.9 ޕަސެންޓް ދަށްވެފަ އެވެ.

މިއަހަރުގެ ފުރަތަމަ ހަ މަހު ދައުލަތަށް 868 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. 

ޑޮލަރުން ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބުނީ، ޓީޖީއެސްޓީގެ ގޮތުގަ އެވެ. ދެވަނައަށް އެންމެ ބޮޑު އަދަދެއް ރިސޯޓު ކުލީގެ ގޮތުގައި ލިބުނު އިރު ތިން ވަނައަށް އެންމެ ބޮޑު އަދަދެއް ޑޮލަރުން ލިބުނީ އިންކަމް ޓެކްސްގެ ގޮތުގަ އެވެ. މީގެ އިތުރުން ގްރީން ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ވެސް ޑޮލަރުން އާމްދަނީ ލިބިފައިވެ އެވެ.

ދެވަނަ ކުއާޓާގައި ދައުލަތަށް ލިބުނު އާމްދަނީގެ 66 ޕަސެންޓް ބަލައިގަތީ ޑޮލަރުންނެވެ. ރުފިޔާއިން ބަލައިގަނެފައިވަނީ 2.5 ބިލިއަން ރުފިޔާ އެވެ. 

މިއަހަރުގެ ފުރަތަމަ ހަ މަހު ދައުލަތަށް 19 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ.