ޔުނައިޓެޑް އަރަބް އަރަބް އެމިރޭޓްސްގެ އީގަލް ހިލްސްއާ އެކު ސޮއިކުރި "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއަކީ އުސޫލެއްގެ ގޮތުން ރަނގަޅު ޕްރޮޖެކްޓެއް ކަމަށާއި އެކަމަކު މައްސަލައަކީ އެހާ ބޮޑު މަޝްރޫއެއް މާލެ ސަރަހައްދުގައި ހިންގާތީ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އޮފީހުގައި ބޭއްވި މީޑިއާބްރީފިންއެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި ހަމަ އެފަދަ މަޝްރޫއެއް ހިންގަން އީގަލް ހިލްސް އިން މަޝްވަރާކުރި ކަމަށާއި އޭރު ވެސް އެދިވަޑައިގެންނެވީ މާލެ ސަރަހައްދު ނޫން ތަނެެއްގައި މަޝްރޫއު ހިންގަން ކަމަށެވެ. މާލެ ސަރަހައްދުގައި އެފަދަ މަޝްރޫއުތައް ހިންގީމާ މި ސަރަހައްދަށް މީހުން ތޮއްޖެހި ރަށްތައް ފަޅުވަމުންދާނެ ކަަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު މިމޭރުމުން ޖަވާބު ދެއްވީ އެ މަޝްރޫއު ރަނގަޅުކަމަށް އެހާ އަވަހަށް ވިދާޅުވީ އީގަލް ހިލްސްއާ އެކު ސަރުކާރުން ސޮއިކުރި އެއްބަސްވުމުގެ "ޓާމްސް އެންޑް ކޮންޑިޝަންސް އެނގިވަޑައިގެން ހުންނަވައިތޯ" ނޫސްވެރިއަކު ސުވާލުކުރުމުންނެވެ.
"އޭގެ ތަފްސީލުތައް އަޅުގަނޑުމެންނަށް އެނގެން ޖެހޭނެ. އެކަން ވާނެ ގޮތާއި ޓާމްސް އެންޑް ކޮންޑިޝަންސް، އުސޫލެއްގެ ގޮތުން ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓާއި އަދި އުސޫލެއްގެ ގޮތުން ޕްރައިވެޓައިޒޭޝަނާއި އުސޫލެއްގެ ގޮތުން އެސެޓް ސޭލްސްއާ މި ހުންނަނީ އަޅުގަނޑު ދެންނެވި ގޮތުގައި އަޅުގަނޑު ގަބޫލުކުރާ އުސޫލުތަކޭ،" އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.
އެ ޖަވާބަށް ފަހު، ވެސް ނޫސްވެރިޔާ ހަަމަ އެ ސުވާލު ތަކުރާރު ކުރުމުން ނަޝީދު ވިދާޅުވީ ޓާމްސް އެންޑް ކޮންޑިޝަންސް ރަނގަޅުވާން ޖެހޭނެ ކަމަށާއި އެކަމަކު އުސޫލެއްގެ ގޮތުން އެ މަޝްރޫއު ރަނގަޅޭ ވިދާޅުވާން ޓާމްސް އެންޑް ކޮންޑިޝަންސް ކޮންމެހެން އެނގެން ނުޖެހޭ ކަމަށެވެ.
"އަޅުގަނޑު މިއީ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓަށް ތާއީދުކުރާ މީހެއް. އަޅުގަނޑު ދެކޭ ގޮތުގައި [އެކަމުން] ރާއްޖެއަށް، ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކަން އިތުރުވެގެންދާނީ. ރައްޔިތުން މި ބޭނުންވަނީ ތަނަވަސްކަން. ރައްޔިތުން މި ބޭނުންވަނީ އުފާވެރިކަން، ރައްޔިތުން ބޭނުންވަނީ ހާސްކަމެއް ނެތުން، ބޯހިޔާވަހިކަމެއް ލިބުން، ވިޔަފާރީގެ ފުރުސަތެއް އޮތުން،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގުތިސާދު ކުރިއެރުވޭނީ ބޭރުގެ އިންވެސްޓްމެންޓްތައް ރާއްޖެއަށް ގެނެސްގެންނެވެ. ގެންނަ އިންވެސްޓްމެންޓްތަކަކީ ބޮޑެތި އިންވެސްޓްމެންޓްތަކަށް ވާން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިދިކޮޅު މައި ޕާޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން އެ މަޝްރޫއަށް ތާއީދުކުރައްވަންތޯ ނޫސްވެރިއާ ސުވާލުކުރުމުން ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ސެންޓާ ރައިޓް ޕާޓީއެއް ކަމަށާއި ޕްރައިވެޓައިޒޭޝަނާއި ބޭރުގެ އިންވެސްޓްމެންޓް ގެނައުމަށް އެ ޕާޓީން ތާއީދުކުރާ ކަމަށެވެ.
އެކަމަކު ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީގެ ސިޔާސަތު އެ މަނިކުފާނަށް ކަނޑަނޭޅުއްވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީގެ ސަރުކާރެއްގައި އެ މަޝްރޫއާ މެދު އަމަލު ކުރާނެ ގޮތް ކަނޑައަޅާނީ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯގައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.