ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) އޭޝިއާ، އޯޝޭނިއާ އަދި އިންޑިއަން އޯޝަން 2026 ގެ ގާލާ ސެރެމަނީގެ ޕްލެޓިނަލް ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާސިރު އަދި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ، ދިހަ އަހަރަށް ފަހު ވޯލްޑް ޓްރެވަލް އެވޯޑްސް އަލުން ރާއްޖެއަށް އަންނައިރު، އެ ހަފުލާ ވާނީ ދުނިޔޭގެ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވާ މުހިންމު އިވެންޓަކަށް ކަމަށެވެ.

އެ އިވެންޓުގައި 40 އަށް ވުރެ ގިނަ ގައުމުގެ މަޝްހޫރު ހޮޓެލްތަކާއި ރިސޯޓުތަކުގެ އިސްވެރިންނާއި، ޓޫރިޒަމް ބޯޑުތަކާއި ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން، ބައިނަލްއަގުވާމީ ޓްރެވަލް ޓްރޭޑް މީޑިއާތައް އަދި އެއާލައިންތަކުން ބައިވެރިވާނެ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހޯދާ މަތީ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމަށް ބާއްވާ، ދުނިޔޭގެ މަގުބޫލު މަންޒިލްތަކާއި، ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާތަކާއި، ހޮސްޕިޓަލިޓީ ބްރޭންޑްތަކުން ބައިވެރިވާ ހަރަކާތެކެވެ.

މިއެވޯޑްސްގެ އޭޝިއާ، އޯޝެނިއާ އެންޑް އިންޑިއަން އޯޝަން 2026 ގެ ހަފްލާ ރާއްޖޭގައި ބޭއްވުމަކީ، ބައިނަލްއަގުވާމީ ފެންވަރުގައި ސިނާއަތުގެ މުހިންމު ފަރާތްތަކަށް ރާއްޖެ އިސްތިހާރުކޮށް، ޕްރޮފެޝަނަލް ނެޓްވޯކްތައް ވަރުގަދަކޮށް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަންޒިލްގެ ގޮތުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށް ލިބޭ ފުރުސަތެއް ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.