ދިރާގާއި ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް (ސޮނެވާ ސީއެސްއެމް) ގުޅިގެން ބ.ދަރަވަންދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް"އަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދިރާގާ އެކު ޕާޓްނަޝިޕެއް ގާއިމްކޮށްފި އެވެ.
މި ޕާޓްނާޝިޕްގެ ތެރެއިން ސޮނެވާ ސީއެސްއެމްގެ ފަންނީ އެހީތެރިކަމާއި ތަޖުރިބާ އެކު، ދަރަވަންދޫގައި ގާއިމުވެ މަސައްކަތްކުރާ ޖައްމިއްޔާ 'މުރަކަ ފާމް'ގެ އެއްބާރުލުމާއެކު ދަރަވަންދޫ ފަރުގެ ދިރުން އާލާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ޕްރޮގްރާމްގެ ތެރެއިން ފަރު ދިރުވާ އާލާކުރުމުގެ ފަންނީ މަސައްކަތް ދަސްކޮށްދީ، ޒަމާނީ ރީސާޗް އަދި ސައިންސްގެ އަލީގައި ދަރިވަރުންނާއި އެކަމަށް ޝައުގުވެރިވާ ވިޔަފާރިތަކުގެ ބައިވެރިންނާއި އާންމު ރައްޔިތުން ތަމްރީންކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ޔުނެސްކޯ ބަޔޯސްފިއާ ރިޒާވްގައި ހިމެނޭ އަދި ހަނިފަރު ބޭއާ ކައިރީގައި އޮންނަ ދަރަވަންދޫގެ ފަރުތަކަކީ އެ ރަށުގެ ފަތުރުވެރިކަމަށާއި މަސްވެރިކަމުގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ވަސީލަތެކެވެ. އެހެންވެ، އެ ޕްރޮގްރާމްގެ ދަށުން ފަރުތައް އާލާކުރުމާއި ބެލެހެއްޓުމުގެ އަމަލީ ތަމްރީނު ދަރަވަންދޫ ޒުވާނުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 30 އާއި 50އާ ދެމެދުގެ ނާސަރީ ސްޓްރަކްޗާ އެކުލެވޭގޮތަށް ކޮމިއުނިޓީ މުރަކަ ނާސަރީއެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެ އިތުރުން، މުރަކަ އިންދުމާއި އާލާކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމާއި، ޒުވާނުންނަށް ހާއްސަ ތަމްރީނުތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގައި، މުޖުތަމައުގެ ބައިވެރިވުމާއި އެކު ފަރުތަކުގެ ދިރުން އަލުން އިއާދަކުރުމަށް އެ ޕްރޮގްރާމްގެ ތެރެއިން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޕްރޮގްރާމް ދަށުން ހިންގާ ތަމްރީނުތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކަށް ފަހު، މި އަހަރުގެ ފަހުކޮޅު ދަރަވަންދޫގައި ފަރުތައް އާލާކުރުމުގެ އަމަލީ ހަރަކާތްތަކާއި އެކު ހާއްސަ ފެސްޓިވަލެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.
މި ޕާޓްނަޝިޕާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ދިރާގުގެ ސީނިއާ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ އެ ޕްރޮގްރާމްގެ އެންމެ ހާއްސަ އެއް ސިފަ އަކީ މުޖުތަމައުގެ އިސްނެގުމާއި ފުރިހަމަ ބައިވެރިވުމާއެކު ދެމެހެއްޓެނިވި ގޮތަށް ކުރިއަށްދާނެ ކަމަކަށްވުން ކަމަށެވެ. އަދި އެ ޕްރޮގްރާމުގެ ދަށުން މުރަކަ އާލާކުރުމާއި، ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ބޭނުންވާ ހުނަރާއި މައުލޫމާތު އަށަގަންނުވައި، އަންނަން އޮތް ޖީލުތަކަށް ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސްގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސް، ޖޯހާނާ ލިއޮންހާޑް ވިދާޅުވީ މިފަދަ މަސައްކަތްތަކުން ދާއިމީ ނަތީޖާއެއް ހާސިލުކުރެވޭނީ، އެކަމަށް ބޭނުންވާ އިލްމާއި ހުނަރު މުޖުތަމައުތެރޭގައި ދިރުވައިގެން ކަމަށެވެ.
"ދިރުން ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ އަމަލީ ތަމުރީނު ތަކާއެކު މުޖުތަމައު ބާރުވެރިކުރުވާ، މުރަކަ އާލާކުރުމާއި ފަރުތައް ބެލެހެއްޓުމުގެ މަސައްކަތް އެ ރަށުގެ އިސްނެގުމުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސީއެސްއެމްގެ އުންމީދަކީ މި ޕްރޮގުރާމުގެ ސަބަބުން އެ ރަށުގެ ފަރަށް ހެޔޮ ބަދަލުތަކެއް އައުމުގެ އިތުރުން، ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް އެ މަސައްކަތް ނަމޫނާއަކަށް ބަލައިގެން އެ ފަދަ އެހެން ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވި އެވެ.
ސޮނޭވާ ސީއެސްއެމް އަކީ މުރަކަ އާލާކުރުމާއި ކަނޑުގެ ދިރާސާތައް ކުރުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން މުޖުތަމައުގެ ޒިންމާދާރުކަން އިތުރުކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މަސައްކަތްތައް ބިނާވެފައި އޮންނަނީ ސައިންޓިފިކް ދިރާސާތަކާއި އަމަލީ ގޮތުން ފަރުތައް އިއާދަކުރުމުގެ މައްޗަށެވެ. އަދި އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމާއި، ތައުލީމާއި ހޭލުންތެރިކަން އިތުރުކުރުމާއި، އަދި ރާއްޖޭގެ ފަރުތަކުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ދިރުންތައް ދެމެހެއްޓުމަށްޓަކައި، ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް އެ ޖަމިއްޔާއިން ދަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.
ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާއެވެ. މުޖުތަމައުތައް ބާރުވެރިކުރުމަށް އިސްކަންދީ، ތިމާވެށި ހިމާއަތްކޮށް ރައްކާތެރިކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކަށް ދިރާގުން އަބަދުވެސް އެއްބާރުލުން ދެ އެވެ.