މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމް ކޮށްގެން ބާއްވާ "އެމްއައިބީ ގެސްޓް ހައުސް ސިމްޕޯސިއަމް 2026" ގެ ތިންވަނަ އެޑިޝަން މިއަދު ފަށައިފި އެވެ. 

ބާސެލޯ ނަސަންދުރާގައި ފެށި މި ސިމްޕޯޒިމްގައި އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ކުމްރީ ވިދާޅުވީ ރާއްޖޭގެ ގެސްޓްހައުސް ދާއިރާ ހަލުވި މިނުގައި އަންނަނީ ތަރައްގީވަމުން ކަަމަށެވެ. ޓޫރިސްޓުން ވެސް ގެސްޓްހައުސްތަކަށް އަންނަ މިންވަރު އިތުރުވެފައިވާ ވާއިރު، މިހާރު އިސްކަން ދޭންވީ މި ދާއިރާގެ ސަސްޓެއިނަބިލިޓީއަށް ކަމަށް ވިދާޅުވި އެވެ. 

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމްގެ ބައިވެރިން. - ފޮޓޯ: ނިޝާން އަލީ | މިހާރު
އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމްގެ ބައިވެރިން. - ފޮޓޯ: ނިޝާން އަލީ | މިހާރު

އޭނާ ވިދާޅުވީ ރަށްރަށަށް ދާ ޓޫރިސްޓުންނަކީ ރާއްޖޭގެ އަމިއްލަ ވަންތަކަމާއި، ގުދުރަތީ ވަސީލަތްތައް ތަޖުރިބާ ކުރުމަށް ދާ ބަޔަކަށް ވާއިރު، އެ ވަސީލަތްތައް ހިމާޔަތްކުރުން ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން ރަށްރަށުގައި ކުނިމެނޭޖު ކުރުމާއި ފަރުތައް ހިމާޔަތްކުރުން ފަދަ ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތްތަކާއި އެފަދަ ސަސްޓެއިނަބިލިޓީ ޕްރެކްޓިސްތަކުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.  

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމްގެ ކީނޯޓް ސްޕީކަރު ކިރުބާ ޝަންކަރު ކީނޯޓް ސްޕީޗް ދެނީ. - ފޮޓޯ: ނިޝާން އަލީ | މިހާރު
އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމްގެ ކީނޯޓް ސްޕީކަރު ކިރުބާ ޝަންކަރު ކީނޯޓް ސްޕީޗް ދެނީ. - ފޮޓޯ: ނިޝާން އަލީ | މިހާރު

މި ސިމްޕޯޒިއަމްގެ ކީނޯޓް ސްޕީޗު ދިނީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ޕްރޮޕެޝަނަލް ސްޕީކާ އަދި އޮންލައިން ބިޒްނަސް ސްޓްރެޓެޖިސްޓް، ކިރުބާ ޝަންކަރު އެވެ.

އޭނާ ވަނީ ގެސްޓްހައުސް މާކެޓްކުރުމުގެ އުކުޅުތައް ސިމްޕޯޒިއަމްގެ ބައިވެރިންނަށް ކިޔައިދެއްވައިފަ އެވެ.

އެއް ކަމަކަށް އޭނާ ފާހަގަކުރެއްވީ ކޮންމެ ގެސްޓްހައުސްއެއްގެ އަމިއްލަ ވަންތަ ސިފަތައް ހުރުމުގެ މުހިންމު ކަމެވެ. މާކެޓުގައި ހުރި އެހެން ތަންތަނާ ވާދަކޮށް މާކެޓުގައި ފާހަގަކުރެވޭނެ ތަނަކަށް ހެދޭނެ ގޮތްތައް ކިޔައިދެއްވި އެވެ.

ބަދަލުވަމުންދާ އެކި މާކެޓިން ވަސީލަތްތަކުގެ ބޭނުން ހިފައި، ގެސްޓްހައުސް ޕްރޮމޯޓު ކުރެވޭނެ ގޮތްތައް ވެސް ބައިވެރިންނާ ހިއްސާކުރެއްވި އެވެ. 

އޭއައިގެ އެހީގައި، ޓޫރިސްޓުން ގެސްޓްހައުސް ފަދަ ތަންތަން ހިޔާރުކުރުމަށް އެހީ ހޯދަމުން އަންނައިރު، ވިޔަފާރި ބިނާ ކުރުމުގައި ރަނގަޅު ޑިޖިޓަލް ފުޓްޕްރިންޓެއް ބިނާ ކުރެވޭނެ ގޮތްތައް ވެސް ކިޔައިދެއްވި އެވެ.   

މި ސިމްޕޯޒިއަމަކީ ރާއްޖޭގެ ގެސްޓްހައުސްތަކުގެ ވެރިންނާއި އޮޕަރޭޓަރުންނާއި ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކުގެ އިތުރުން މުހިންމު ބައިވެރިން އެއްތަންވެ، ހިޔާލު ބަދަލުކުރުމާއި އާ ފުރުސަތުތައް ހޯދުމުގެ އިތުރުން ގެސްޓް ހައުސް ދާއިރާގެ މުސްތަގުބަލާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.

އެމްއައިބީން ކޮންމެ އަހަރަކު ވެސް ބާއްވާ މި ސިމްޕޯސިއަމަކީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު މަޝްވަރާ ކުރުމަށާއި އަމަލީ ތަޖުރިބާތައް ހިއްސާކުރުމަށާއި ރަށްރަށުގެ ގެސްޓް ހައުސްތަކުގެ ވާދަވެރިކަމާއި ދެމެހެއްޓެނިވިކަން އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

މި އަހަރުގެ ސިމްޕޯސިއަމްގެ ތީމަކީ "ބިޔޯންޑް ދަ ސްޓޭ: ބިލްޑިން ދަ ގެސްޓް ހައުސް އޮފް ޓުމޯރޯ" އެވެ.

މި ސިމްޕޯޒިއަމްގައި، އަލަށް ތައާރަފްކުރި ގެސްޓްހައުސް އެވޯޑްސް ވެސް ދޭނެ އެވެ.