ބޭރުގެ ޓުއަ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ނުޖެހޭ ގޮތަށް ގާނޫނަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ.
ބޭރުގެ ޓޫރިސްޓުންނަށް ރާއްޖެއިން ބުކިން ހަދައިދޭ ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެެލް އެެޖެންޓުންގެ އަތުން ޖީއެސްޓީ ނަގަން ޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އޮގަސްޓު 31 ވަނަ ދުވަހެވެ.
ނަމަވެސް، މި މަހުގެ 1 ވަނަ ދުވަހު އަމަލުކުރަން ފެށި އެ ގާނޫނަށް ބަދަލު ގެންނަން ކޮލަމާފުށި ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ މިއަދު ވަނީ އިސްލާހު ހުށަހަޅުއްވައިފަ އެވެ. އޭނާ ހުށަހެޅުއްވީ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމާ ގުޅޭ މާއްދާތައް އުވާލުމަށެވެ.
ޓެކްސް ނަގަން ޖެހޭ ގޮތަށް ކުރިން ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ، އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުން ދޭ ހިދުމަތްތަކުން ޖީއެސްޓީ ނަގަނީ ޓެކްސް ނެގުމުގެ ނިޒާމުގައި ހުރި ދަތިތައް ހައްލުކޮށް، އެ ނިޒާމު ހަރުދަނާކުރާށެވެ.
އެ ބިލް އޭރު ފާސްކުރީ އެގޮތަށް ޓެކްސް ނަަގަން ފަށައިފި ނަމަ ބޭރުގެ ޓްރެވެލް އެޖެންޓުން ދައްކާ 299.3 މިލިއަން ރުފިޔާ އަދި ފޮރިން ޓުއާ އޮޕަރޭޓަރުން ދައްކާ 1.3 ބިލިއަން ރުފިޔާއާ އެކު ދައުލަތަށް އަހަރަކު 1.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކޮށްފަ އެވެ.
އެކަމަކު، ރާއްޖެ އާއި ބޭރުގެ ތަޖުރިބާކާރުންގެ ކަންބޮޑުވުންތަކާ ހެދި ޓީޖީއެސްޓީގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ނިންމީ އެވެ.
ޓޫރިޒަމް ދުވަސް ފާހަގަކުރަން މި މަހުގެ 1 ވަނަ ދުވަހު ބޭއްވި ހާއްސަ ހަފްލާގައި މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެެލް އެެޖެންޓުން އަތުން ޓީޖީއެސްޓީ ނަގާ ގޮތް ހެދުމުން ޓޫރިޒަމް ދާއިރާ އަދި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ބޮޑެތި ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.
އެހެންވެ، އެއަށް ބަދަލުތަކެއް ގެންނާނެ ކަމަށް އަމީން ވިދާޅުވި އެވެ.
"މިވަގުތު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ގާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެންނަން،" މިނިސްޓަރު ވިދާޅުވި އެވެ.