ސަރުކާރުން ފިސްކަލް ރިޕޯމްތައް ގެންނަމުން އަންނައިރު ޖަވާބުދާރީ ކުރުވުމަށް އެކައުންޓިން ދާއިރާގެ ދައުރު ވަރަށް މުހިއްމު ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން ބޭއްވި މޯލްޑިވްސް އެކައުންޓިން ފޯރަމްގައި ޒަރީރު ވިދާޅުވީ، ދައުލަތުގެ އާމްދަނީ ރައްކާތެރިކޮށް، ފުރިހަމަ ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމާއި އިގްތިސާދީ ހަރަކާތްތައް ކުރިއަށް ގެންދާ ގޮތް ފުރިހަމައަށް ބެލެހެއްޓުމަށް އެކައުންޓިން ދާއިރާގެ މަސައްކަތްތައް މުހިއްމު ކަމަށެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރުން ނޮވެމްބަރު 2023 ގައި ވެރިކަމާ ހަވާލުވިއިރު "ހޯމް ގްރޯން" ފިސްކަލް ރިފޯމް އެޖެންޑާއަކާ އެކު މަސައްކަތް ފެށި ކަމަށެވެ. އޭގެ އެންމެ މުހިއްމު ކަމަކީ ދައުލަތަށް އާމްދަނީ ވަންނަ ވަރު އިތުރުކޮށް، ދަރަނީގެ ހާލަތު ހަމަޔަކަށް އެޅުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ރިފޯމްތަކާ އެކު އޭގެ ނަތީޖާ ވެސް އަންނަނީ ފެންނަމުން. މިދިޔަ ދެ އަހަރާއި ބައިގައި ސަރުކާރުން 1.4 ބިލިއަން ޑޮލަރަށް ބޮޑު އަދަދެއްގެ ދަރަނި ވަނީ އަދާކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ޒަރީރު ވިދާޅުވި ގޮތުގައި، ބޮޑު އަދަދެއްގެ ދަރަނި މި ސަރުކާރުން އަދާކުރިއިރު، އެކަން ކުރެވުމަކީ ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެކެވެ. އެއާ އެކު، ދުނިޔޭގެ ރޭޓިން އެޖެންސީތަކުގައި ރާއްޖޭގެ ރޭޓިން ރަނގަޅުވުމަށް ފުރުސަތު ލިބިފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ 2040 ވަނަ އަހަރާ ހިސާބަށް ދާއިރު، ރާއްޖެއަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހެދުން ކަމަށާއި އެ އަމާޒަށް ދާން އިގްތިސާދު ޑައިވާސިފައިކޮށް، ފައިނޭންޝަލް ސެކްޓަ ވަރުގަދަކޮށް، ޑިޖިޓަލް އިގްތިސާދެއް ބިނާކުރަންޖެހޭ ކަމަށެވެ. އެކަންކަން ކުރާއިރު އިތުބާރު ހުރި، ދެފުށް ފެންނަ މާލީ ނިޒާމެއް އޮވެ، މާލީ މައުލޫމާތުތައް އާންމުވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އެކައުންޓިންއަކީ ހަމައެކަނި ނަންބަރުތަކެއް ނޫން. ޕަބްލިކް ފަންޑުތައް ޒިންމާދާރުކަމާ އެކު މެނޭޖް ކުރޭތޯ ބެލުމަކީ ވެސް މި ދާއިރާގެ ޒިންމާއެއް. އަދި ވިޔަފާރީގެ ރަނގަޅު ނިންމުންތައް ނިންމުމުގައި ވެސް އެކައުންޓިން ދާއިރާގެ ދައުރު މުހިއްމު،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވިޔަފާރިތަކުގެ އިތުރުން ސަރުކާރުގެ މާލީ ހިސާބުތައް ބެލެހެއްޓުމުގައި ވެސް އެކައުންޓިން ދާއިރާގެ ބޭނުން ހިފަންޖެހޭ ކަމަށެވެ.