ރާއްޖޭގައި މި ވަގުތު 1،273 ޕްރޮޖެކްޓެއްގައި ސޮއިކޮށް، ކުރިއަށްދާ ކަމަށާއި އެ ހުރިހާ ޕްރޮޖެކްޓެއް ވެސް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަރީރު ވިދާޅުވީ، މާޗް މަހު ފެށުނު މެދުއިރުމަތީގެ ހަނގުރާމައާ ހެދި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުތައް ކޮންމެވެސް ވަރަކަށް ލަސްވެފައިވާ ކަމަށެވެ. އޭގެ ސަބަބަކީ ޒަރީރު ވިދާޅުވި ގޮތުގައި ރޮކް ބޯލްޑާ (ހިލަ) ފަދަ މެޓީރިއަލް ގެނައުމުގައި ދަތިތައް ދިމާވެފައިވާތީ އެވެ.
މިއަހަރުގެ ބަޖެޓުގައި ބަނދަރު ތަރައްގީ ކުރުމަށް 393 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ޒަރީރު ވިދާޅުވީ، މަޝްރޫއުތައް ލަސްވި ނަމަވެސް، އެ މިނިސްޓްރީގެ މޮނިޓަރިން ޓީމުން އެކަންކަން ބަލައި އިސްކަން ދޭން ޖެހޭ ތަރުތީބުން ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ޕްރޮޖެކްޓްތައް އަޅުގަނޑުމެން މިގެންދަނީ ވަކި ގޮތަކަށް ޕްރިއޯރަޓައިޒްކޮށްގެން އެ ވަޒީރެއް ހިންގަވާ ޕްރޮޖެކްޓެއް އެ ވަޒީރެއްގެ ދަށުން ބައްލަވައިގެން، އަދި އަޅުގަނޑުމެން އެ ޕްރިއޯރިޓީޒްތަކާ އެއްގޮތަށް ފައިސާ ވެސް އެލޮކޭޓް ކުރަމުން މި ގެންދަނީ. އެހެންވީމަ ހުރިހާ ރަށެއްގެ ހުރިހާ ޕްރޮޖެކްޓްތަކެއް ވެސް އަޅުގަނޑުމެންނަށް ޕްރިއޯރަޓައިޒް ކުރެވިފައިވާ ގޮތަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް މިކުރަނީ ފައިސާގެ އެވައިލިބިޓީއަށް ބަލާފައި،" އޭނާ ވިދާޅުވި އެވެ.
މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މިހާތަނަށް އެ ބަޖެޓުން 4.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.